ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިފަހުން ވިދާޅުވީ ރާއްޖޭގެ ފެނުގެ ނިޒާމު ހަރުދަނާކޮށް، އަތޮޅުތަކަށް އެ ހިދުމަތް ފުޅާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.
އެ ދާއިރާ އިތުރަށް ތަރައްގީކުރަން ރާވާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ، ކަނޑުގެ އަޑިން ފެން އުފެއްދުމުގެ އީޖާދީ މަޝްރޫއު ކަމަށް އޭނާ ވިދާޅުވި އެވެ. ފަހުމީ އިތުރަށް ވިދާޅުވީ ކަނޑުގެ 500 މީޓަރު އަޑީގައި ޕްލާންޓް ގާއިމްކޮށްގެން ފެން އުފެއްދުމުގެ އެ މަޝްރޫއު ކުރިއަށް ގެންދާނީ އެ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ ގުޅިގެން ކަމަށެވެ.
އޭގެ ސަބަބުން ފެނުގެ ޕްރެޝަރު މަތިވުމުން މަސައްކަތުގެ ހަރަދު ކުޑަވާނެ ކަމަށާއި އަދި އެއްގަމުގައި ފެން ޕްލާންޓްތައް ބެހެއްޓުމަށް ބިމުގެ ދަތިކަން ކުރިމަތިވާތީ އެއީ ރާއްޖެ ފަދަ ގައުމަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.
އެމްޑަބްލިޔުއެސްސީން މިފަހުން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، ސަބްސީ ޑީސެލިނޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރިއަށްގެންދާ މި މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، 2040 ވަނަ އަހަރަށް ކަނޑައަޅުއްވާފައިވާ ތަސައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން ފެށި މަސައްކަތެކެވެ. އަދި މީގެ ބޭނުމަކީ ގައުމީ ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށް، ކުންފުނީގެ ހިންގުން ހަރުދަނާކުރުން ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުނެފައިވެ އެވެ.
ފްލޯޝަންގެ ސަބްސީ ޑީސެލިނޭޝަން ނިޒާމަކީ ތަބީއީ ފެން އޮއިވަރުގެ ބާރު ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް ކުރިއަށްދާ ގޮތަށް ފަރުމާކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. މި ނިޒާމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު 40 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްކުރެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.
މީގެ އިތުރުން، ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ކަރަންޓު ސަލާމަތްކުރެވޭނެ ކަމަށް ބުނާ މިންވަރަކީ ފްލޯޝަންގެ ޓެކްނޮލޮޖީގެ އާންމު ނަތީޖާއަށް ބަލައިގެން ލަފާކޮށްފައިވާ މިންވަރެއް ކަމަށާއި، އެއީ ރާއްޖޭގައި އަދި ކަށަވަރުކުރެވިފައިވާ ނަތީޖާއެއް ނޫން ކަމަށް އެ ކުންފުނިން ވަނީ ސާފުކޮށްދީފަ އެވެ.
މި ދިރާސާއިން ލިބޭ ނަތީޖާތަކަށް ބިނާކޮށް، މިއީ ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން އެކަށީގެންވާ ޓެކްނޮލޮޖީއެއްތޯ އެމްޑަބްލިޔުއެސްސީން ވަޒަންކުރާނެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި، މިއީ ރާއްޖެއަށް އުފެއްދުންތެރި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ލިބޭނެ ބޮޑު ކުރިއެރުމަކަށް ވާނެ އެވެ.
ފެން އުފައްދާ ޑިސެލިނޭޝަން ޕްލާންޓެއް ކަނޑު އަޑީގައި ބަހައްޓަން ބޭނުންވާ ދިރާސާއެއް ހެދުމަށް އެމްޑަންލިޔުއެސްސީ އިން ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ 18 އޮގަސްޓް 2024 ގައެވެ.