މިއަދު ސީޕީ އާއްމު ކުރެއްވި ބަޔާނެއްގައި ވަނީ، ސިނަމާލެ ބުރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ޤާނޫނީ ވާޖިބު އަދާކުރަމުންދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި، އޮފިސަރަށް ބޮޑެތި އަނިޔާތަކެއް ދިން ނުރައްކާތެރި ހާދިސާ ކުށްވެރިކުރައްވާފަ އެވެ.
ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެއްސުމުގެ ސަބަބުން ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންދިއުމުގެ އިތުރުން ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އޭނާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ސީޕީގެ ބަޔާނުގައި ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ މި ހާދިސާ ހިނގި ވަގުތު މިކަމުގައި އިތުރު ތިން ސައިކަލެއް ބައިވެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ހަމައެއާއެކު، ފުލުހުން މިހާރު ފަށާފައިވާ ޚާއްސަ އޮޕަރޭޝަނަށް އެކި ގޮތްގޮތުން ހުރަސްއަޅައި، ފުލުހުންގެ މަސައްކަތްތައް ހުއްޓުވުމަށް ހިންގާ މިފަދަ ކަންކަމަށް ފަސްނުޖެހި، މެދުކެނޑުމެއްނެތި މި އޮޕަރޭޝަން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް އަރުވާ ކަމަށް ސީޕީ ވިދާޅުވި އެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް، ގާނޫނީ ހަމަތަކުގެ މަތިން އިތުރަށް ހަރުކަށި ކުރާނެ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އެކުލަވާލައިފައިވާ އައު ޓްރެފިކް ގާނޫނު މި މަހު ވަނީ ތަންފީޒު ކުރަން ފަށައިފައެވެ. އަދި މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވެފައިވާއިރު، ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވުމަށް ޚާއްސަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ.