"ބިޔޯންޑް ދަ ސްޓޭ: ބިލްޑިންގ ދަ ގެސްޓްހައުސް އޮފް ޓުމޯރޯ" ގެ ޝިއާރުގެ ދަށުން އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސިމްޕޯސިއަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 200 ފަރާތަކުން ބައިވެރިވެއެވެ.
މި ސިމްޕޯޒިއަމަކީ ރާއްޖޭގެ ގެސްޓްހައުސްތަކުގެ ވެރިންނާއި އޮޕަރޭޓަރުންނާއި ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކުގެ އިތުރުން މުހިންމު ބައިވެރިން އެއްތަންވެ، ހިޔާލު ބަދަލުކުރުމާއި އާ ފުރުސަތުތައް ހޯދުމުގެ އިތުރުން ގެސްޓް ހައުސް ދާއިރާގެ މުސްތަގުބަލާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.
އެމްއައިބީން ކޮންމެ އަހަރަކު ވެސް ބާއްވާ މި ސިމްޕޯސިއަމަކީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު މަޝްވަރާ ކުރުމަށާއި އަމަލީ ތަޖުރިބާތައް ހިއްސާކުރުމަށާއި ރަށްރަށުގެ ގެސްޓް ހައުސްތަކުގެ ވާދަވެރިކަމާއި ދެމެހެއްޓެނިވިކަން އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
މި އަހަރުގެ ސިމްޕޯސިއަމްގެ ތެރެއިން މުޅިން އަލަށް ގެސްޓްހައުސް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ތިން ދާއިރާއަކުން ޖުމްލަ 12 އެވޯޑެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.