ކުއްލި އިހްސާސެއް ނާރުތަކުގައި ދަތުރުކޮށްލުމުން އޭނާ އާއި ދިމާއަށް ބަލައިލާން މަޖުބޫރު ވި އެވެ. އަހަންނަކީ ޖެހިލުންވެ ބިރުގަންނަ މީހެއް ނޫނެވެ. އެކަމަކު ކަނދުރާއިން ހޫނުކަމެއް އިހްސާސްވެއްޖެ އެވެ. ހީބިހި ނެގީކަމަށްވެސް ވެދާނެ އެވެ.
"އެކްސްކިއުޒު މީ ސަރ، ސުވާލެއް ކޮއްލިޔަސް އެންމެ ރަގަޅުތަ؟" ޖެހިލުމެއް ނެތި އޭނާ ސުވާލު ކޮށްލި އެވެ. އަހަރެން ނޫނެކޭ ބުނެފިއްޔާ އޭނާ އެ ސުވާލު ކުރުން ހުއްޓުވޭނެ ބާއޭ ހިތަށް އެރި އެވެ. ދެބުމަ ދޭތެރެއަށް ރޫ އަރުވައިލެވުނެވެ.
އޭނާ ހީކުރީ އޭނާއަށް ދައުވަތު ދިނީކަމަށެވެ.
"ފައިބަން ތިއުޅެނީ ކޮން ސްޓޮޕަކަށް ތޯ؟" ވަރަށް ހަމަހިމޭން ކަމާއެކު ސުވާލުކޮށްލި އެވެ.
އަހަރެންގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް އޭނާ ބަލައިލި އެވެ. ހަމުގެ ކުލަ އަލިވެފައި، އިސްކޮޅުން ދިގު ކަސްތަރީ ހަށިގަނޑެއް ލިބިފައި ހުއްޓަސް، އަހަންނަކީ އޭނާ އެ ހީކުރާ ކަހަލަ މީހެއް ނޫނެވެ. ކަޅު ޓީޝާޓަކާއި ނެވީބްލޫ ޖީންސް ލާންޖެހުނީ އަހަރެންގެ ލޯބިވެރިޔާގެ މަގުބޫލްކަން ލިބިފައި އޮތީމަ އެވެ.
"އަހަރެން ކޮޅަށް މި ތެދުވީ އަހަރެންގެ ސްޓޮޕަށް އާދެވޭތީ" ރުންކުރު ގޮތަކަށް އަހަރެން ބުނީމެވެ. ހަގީގަތުގައި އަހަރެން ކޮންމެ ތާކަށް ފޭބިޔަސް އޭނާ އާއި ބެހޭކަމެއް ނޫނެވެ.
"އޯހ...! ތޭންކްސް" މި ފަހަރު އޭނާގެ ދެ ބުމަ ދޭތެރެއަށް ރޫ އަރުވައިލި އެވެ.
އަހަރެން ކުރިން ކުރަމުން ދިޔަ މަސައްކަތަށް ރުޖޫއަ ވީމެވެ.
މި މަސައްކަތް ކުރުމަށް ކޮންމެހެން އިށީންނާނެ ސީޓެއް ނުވަތަ ގޮނޑިއެއް އަހަރެން ބޭނުމެއް ނުވެ އެވެ.
"އެކާވީސް ހުކުރު، ބާވީސް ހޯމަ، ތޭވީސް ބުދަ...
"އަހަންނަށް އަހައިލެވިދާނެތަ، ސިއްރު ސިއްރުން ތި އަމުނަނީ ކޮން ފަތިވަރެއްތޯ؟" ސީދާ އަހަރެންގެ ލޮލަށް ބަލައިލާފައި އޭނާ ސުވާލުކުރި އެވެ.
އަހަރެންގެ ލޭ ކެކިގެން ދިޔަކަން އޭނާއަށް އެނގުނު ނަމަ ކުރިމަތީގައި ހުންނާން ކެރުނީސް ބާ އޭ ހިތަށް އެރި އެވެ. އަޑިގަނޑު ތަކަށް ލުއްކި ޖަހަމުން ބަސް ދަތުރު ކުރަމުން ދިޔައިރު ދެންމެ ދެންމެ އަހަރެންގެ ގައިގައި އޭނާ ލައްވެދާނެހެން ހީވި ކިތަންމެ ފަހަރެއް ހިނގައްޖެ އެވެ. ކޮންމެއަކަސް، އަހަރެންގެ މަސައްކަތަށް މީހަކު ހުރަސް އެޅުމުން އެކަން ތަހަންމަލް ކުރުމުގެ ކެތްތެރިކަމެއް އަހަރެންގެ ނަފުސުގައި ލައްވާފައި ވާކަމަށް އަހަރެން ގަބޫލެއް ނުކުރަމެވެ. ނުރުހުމާއެކު ދެ ލޯ ވައްކޮށްލާފައި އޭނާ އާއި ދިމާއަށް ބަލައިލީމެވެ.
ތިމާ އާއި ނުބެހޭ ކަންމަކަށް އަނގަ ނުބާނަން އޭނާއަށް މިހައި ތަނަށް މީހަކު ބުނެދީފައި ނެތީ ކީއްވެ ބާ އެވެ؟ މިހައި އަނގަ ގަދަ އަދި ނުބެހޭ ކަންކަމާއި ބެހޭ މީހުންނަށް އަހަރެން ނަފުރަތު ކުރަމެވެ. އަހަރެންގެ ނަފުރަތުގެ އަގު ދެއްކުމަކީ އެމީހަކަށް ކުޅަދާނަ ކަމެއް ނޫނެވެ.
އަހަރެން ފައިބަން ނިންމާފައިވާ މަންޒިލަށް ގާތްގަނޑަކަށް އާދެވުނީ އެވެ. މި އަންހެން މީހާގެ ތުރާލަށް ރައްދެއް ދޭނެ ގޮތަކާއިމެދު ވިސްނާލީމެވެ.
ބަސް ދުއްވަނިކޮށް ތިރިއަށް ފޭބީމެވެ. މަނާކަމެއްތޯ ނުވަތަ ނޫންތޯ ބެލުމަކީ އަހަރެންގެ ޝައުގުވެރިކަމުގައި ލެއްވި ސިފައެއް ނޫނެވެ. މިރޭ އަހަރެންގެ ޝިކާރައަށް އިންތިޒާރު ކުރާން ނުޖެހޭނެކަން ކަށަވަރު ކޮށްފައި ހިމަ ސިޑިގޮޅިން ދެމިގެންފައި ފޭބީމެވެ.
ބަހުގައި ތިބި މީހުންނާއި މުވައްޒަފުން އަހަންނާއި ދިމާއަށް ބަލަން ފެށި އެވެ. އެއަށް ވުރެން ލޯ ބޮޑުކޮށްފައި އެމީހުންނާއި ދިމާއަށް އަހަރެން ބަލައިލީމެވެ. ކުއްލިޔަކަށް ލާނެއް ހިންޏަކުން އަހަރެންގެ ލޮލުގެ ހިމަކޮޅުން އިޝާރާތެއް ކުރީމެވެ. އެއީ ހަމައެކަނި އަހަރެންގެ ސަމާލުކަމަށް ގެނުވި ހަރަކާތެކެވެ.
ދެފަރާތަށް ބަލަމުން ހަމަ އެ ހިމަ ސިޑިގޮޅިން ދެމިގަނެގެން އެ ފޭބީ އެ އަންހެން މީހާ އެވެ. އޭނާ އެ ހުއްޓުނީ އަހަރެންނާއި ދާދި ގާތުގައި އެވެ.
"އަހަރެންނާއި ވާހަކަ ދެއްކުމުގެ އެއްވެސް ޝައުގުވެރިކަމެއް ހުރިހެން ހިޔެއް ނުވޭ" އޭނާގެ ހާއްސަކަން އަމިއްލައަށް އިހްސާސްކޮށްފައިވާ މިންވަރު އަޑު އިވުމުން މަލާމާތުގެ ހިންޏެއް އަހަރެންގެ ތުންފަތްމަތީގައި ދުވެލި އެވެ.
އިތުރު އެއްވެސް އެއްޗެއް އަހަރެން ނުބުނުމުން ތުން އަނބުރާލާފައި ފުރަގަސްދީފި އެވެ. ހަށަން ބަނދެގެން ގުޑައިވެސް ނުލައި އެހުރީ ދެބުމަ ގޮށްޖަހައިގެންނެވެ.
ދެ ލޮލުގެ ކަޅި އަނބުރާލާފައި، އަހަރެންގެ މަސައްކަތް ފެށީމެވެ.
"އެކާވީސް،ބާވީސް،ތޭވީސް، އަދި ދާދި އަވަހަށް ސައުވީސް.." ކާމިޔާބުގެ ހިނިތުންވުމަކާއެކު އަހަރެންގެ އަމިއްލަ ނަފުސަށް ބުނެލީމެވެ.
ބަހުގައި ދެން ތިބި އެއްވެސް މީހެއްގެ ބެލުމެއް ނުވަތަ ހަރަކާތެއް އޭނާއަށްވެސް އަހަންނަށްވެސް މުހިއްމެއް ނޫނެވެ. ހަމަކުއްލިޔަކަށް ބަސް ހުއްޓުމާއެކު އެހެން މީހަކަށް ހިރިލާނެ ފުރުސަތެއްވެސް ނުދީ އެ އަންހެން މީހާގެ އަތުގައި ހިފައިގެން އަހަރެން ބަހުން ބޭރަށް ދެމިގަތީމެވެ. ލޮލުގެ އެސްފިޔަ ޖަހައިލާހާއި ކުޑަހިނދުކޮޅެއްގެ ތެރޭގައި އަހަރެން މި ގެނައި ހަރަކާތް އެހެން އެއްވެސް އިންސާނެއްގެ ލޮލުގައި ރެކޯޑްކުރެވިފައެއް ނުވާނެ އެވެ.
އަހަރެން ފަދަ ހުށިޔާރު ދެވަނަ މީހަކު މި ބަހުގައި މިރޭ ނެތީތީ އެވެ.
ގޮތެއް ފޮތެއް ނެތް އަނގަ ގަދަ އަންހެނެކެވެ. އޭނާ އަކީ ނަފުސާނީ ގޮތުން ބަލި މީހެއްކަމަށް އަހަރެން ނިންމީމެވެ. މީގެ ކުރިން އަހަރެން ޓާގެޓް ކުރި އެއްވެސް މީހަކު މިހައި ދުއްޕާން ބޮޑެއް ނޫނެވެ. 'ސީރިއަލް ކިލަރ'އަކާއި ރޭގަނޑުގެ މެންދަމު މިވަރަށް އަވަލައިގެން ނުހޮރޮއްޕާން ކުރާނީ ހަގީގަތުގައިވެސް ސިކުނޑި ހަމަނުޖެހޭ މީހެކެވެ.
ކޮންމެއަކަސް ކާމިޔާބު ޝިކާރަ އެކެވެ. ސައުވީސް ނިންމާލުން އުނދަގުލެއް ނުވި އެވެ. ހަމަ މިރޭ ފަންސަވީސް ހަމަކޮށްލުމުގެ އުފާވެސް ލިބިދާނެ އެވެ. އަހަރެންގެ ލޮބުވެތި 'ލޯބިވެރިޔާ' މައާފަށް ނޭދި މަލާމާތެއްކޮށް، ފުރައްސާރައިގެ އެންމެ ލަފުޒެއް ބުނެލިޔަސް އަހަރެންގެ ލިސްޓަށް ފަންސަވީސް ހަމަކޮށްލާނަމެވެ.
މުޅި ހުޅުމާލެ އިން އަހަންނަށް ލިބުނު އެންމެ ހިތްގައިމު މަންޒިލަކީ މިއީ އެވެ.
މި ހިސާބުގައި ކެމެރާއެއް ނުހުންނާނެ އެވެ. މި މަންޒިލް އަހަރެން އިހްތިޔާރު ކުރުމަކީ އިއްތިފާގެއް ނޫނެވެ.
އެފްރިކާ އާއި ސާކުގެ ހަތް ގައުމުގައި 'މެންދަމުގެ ބަސް' ދުއްވިއްޖެ އެވެ. މިވަރުގެ ކާމިޔާބެއް އަދި އިހްސާސެއް ނުކުރަމެވެ. އަހަރެންގެ ލިސްޓަށް އަދިވެސް ނިމުމެއް ނެތެވެ. މާދަމާގެ ހެނދުނުގެ ފުލައިޓުން ޓިކެޓް ނަގާފައި ވާނީ ދެން އޮތް މަންޒިލް ޔަގީންކޮށްފައި އެވެ. އަހަރެން އަތުލައިގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެއީ ނުވާނެ ކަމެކެވެ.
އަހަރެންގެ ސިކުނޑި އާއި އެއް ފެންވަރުގެ ސިކުނޑިއެއް އެހެން މީހަކަށް ލިބިފައިވާކަމަށް އަހަރެން ގަބޫލު ނުކުރާތީ އެވެ.
މިއީ ސިލްސިލާ ލިސްޓެކެވެ. ދުނިޔޭގެ ތަފާތު ސަރަހައްދުން، ހޮވާލެވޭ މަންޒިލްތައް އެބަހުއްޓެވެ. އަދި ވަރަށް އަވަހަށް ރާއްޖެ އަންނާނަމެވެ. ޖީބުގައި އޮތް ނޯޓު ފޮތުގައި ޖަހައިލީމެވެ. ސަފްހާތަކުގައިވާ ލިސްޓުގެ އަދަދުތަށް ފުރާނީ މެންދަމުގެ ބަސް ދަތުރު ތަކުގައި އެވެ. (ނިމުނީ)