ނޫސްވެރިންނާ ހިއްސާކުރެއްވި މެސެޖެއްގައި ވަޒީރު ޝަހީމް ވަނީ، ސަރުކާރުން ކުރިއަށްގެންދާ މިސްކިތްތަކުގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތާއި އަދާހަމަތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން ރަމަޟާން މަހުގެ ކުރިން ހުޅުވުމަށް ތައްޔާރުވަމުންދާ 14 މިސްކިތުގެ ތެރޭގައި، ހުޅުމާލޭގައި އަލަށް އިމާރާތްކުރި ދާއިމީ 3 މިސްކިތެއްވެސް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވި އެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަށް ނަމާދުކުރުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމަށާއި، މިސްކިތްތަކުގެ ފެންވަރު މަތީދަރަޖައަކަށް ގެންދިއުމަށްޓަކައި ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ދަނީ ހިންގަމުންނެވެ. އޭގެ ތެރެއިން ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް އެކީ ނިމި، ހުޅުވުމުގެ ތައްޔާރީތައް ވަމުންދާއިރު، އިތުރު މިސްކިތްތަކެއް އިމާރާތްކުރުމުގެ ކޮންޓްރެކްޓްތަކުގައި މިއަހަރުގެ ތެރޭގައިވެސް ވަނީ ސޮއިކޮށް، ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފަ އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަސައްކަތް ކުރަމުންދަނީ ރަމަޟާން މަސް ފެށޭއިރު، އާންމުންނަށް ދަތިކަމެއްނެތި އަޅުކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، އަލަށް ހުޅުވޭ މިސްކިތްތަކަށް ބޭނުންވާ ވަސީލަތްތަކާއި އިމާމުންނާއި މުދިންނު ހަމަޖެއްސުމުގެ މަސައްކަތްތައް ނިންމުމަށެވެ.