ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން، އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މި ޤާނޫނާއި އަދި މި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާމެދު، މިއަދުން ފެށިގެން 7 ދުވަހުގެ ފަހުން، ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ތަންފީޒީ އިދާރާގެ ޒިންމާ އަދާކުރަން ފަށާނެކަން ޢާއްމުކޮށް އަންގާ އިޢުލާންކުރާކަމަށެވެ.
އެހެންކަމުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އަދި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެންމެހައި ފަރާތްތަކުން އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް އިލްތިމާސްކުރާކަމަށް ޓްރާންސްޓުން ބުނެ އެވެ.
މިފަދައިން ދިވެހި ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެކަން ރައްދުވާ ފަރާތްތަކަށް އެސް.އެމް.އެސް އަދި އީމެއިލް މެދުވެރިކޮށް އެކަމުގެ މަޢުލޫމާތު ޙިއްޞާކުރެވޭނެ ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އެހެންކަމުން، އެކިއެކި ކަންކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ މަޢުލޫމާތު ސީދާ އެފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މި އިޢުލާނު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މިހާރު ބޭނުންކުރައްވާ ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ސިމްސް (SIMS) ޕޯޓަލް އިން އަޕްޑޭޓް ކުރެއްވުމަށް ދެންނެވީމެވެ.
އަދި މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތަކާމެދު މިފަދައިން ޢަމަލުކުރުމުގައި ފުރަތަމަ މަރުޙަލާގައި މަސައްކަތް ފަށާނެ ސަރަހައްދުތަކާއި މަގުތައް ތިރީގައި ބަޔާންކުރެވިފައި ވަނީއެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ތަންފީޒުކުރުމުގައި ޢާންމު ރައްޔިތުންގެ ފަރާތުން މި މިނިސްޓްރީއަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ދެއްވާ އެއްބާރުން ފާހަގަކޮށް، އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.