އެފްޑީސީން ނެރުނު ބަޔާނެއްގައި ބުނީ މި ފިޔަވަޅު އަޅާފައިވަނީ 4000 ހައުސން ޔުނިޓު ހަވާލުކުރުމުގެ ކުރިން މިކޯޕަރޭޝަނާއެކު ވެފައިވާ ޔުނިޓު ކުއްޔަށްދިނުމާއި
މިލްކުކުރުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. އެގޮތުން، އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް ތަކުރާރުކޮށް ފުރުސަތު ދެވުނުކަމަށް އެފްޑީސީން ބުނެ އެވެ. މި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ކުލި ދެއްކުމަށް ފޮނުވޭ ނޯޓިސް (ޕޯމަންޓް ޑ ފޯލްޓް ނޯޓިސް) ފޮނުވުމުގެ އިތުރުން، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ދީފައިވާކަމަށް އެފްޑީސީން ބުނެ އެވެ. މި ނޯޓިސްތައް ފަހި ޕޯޓަލް، އެސްއެމްއެސް، އިމެއިލް އަދި ލިޔުމުން ހަވާލުކުރެވިފައިވާކަމަށްވެސް އެފްޑީސީން ބުނެ އެވެ.
ފައިސާ ދެއްކުމަށް އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން އެކަށީގެންވާ ފުރުސަތުތަކެއްދެވި، ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅާ ދިޔައިރުގައިވެސް އެ ފަރާތްތަކުން ފައިސާ ދައްކާފައި ނުވާތީ، އެއްބަސްވުން ބާތިލުކޮށް، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ޔުނިޓު ހުސްކޮށް ހަވާލުކުރުމަށް މިހާރު ވަނީ އަންގާފައިކަމަށް އެފްޑީސީން ބުނެ އެވެ. އަދި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، އެ ފަރާތްތަކުގެ އެފްޑީސީ ޕޯޓަލް އެކައުންޓަށް ދެވިފައިވާ އެކްސެސް ވެސް ވަނީ ކަނކާލާފައިކަމަށްވެސް އެފްޑީސީން ބުނެއެވެ.
އިމާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން މަހުން
މަހަށް ކުއްޔާއި މެއިންޓެނަންސް ފީ ދެއްކެވުމަށް އަމާން ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރާކަމަށްވެސް އެފްޑީސީން ބުނެ އެވެ.