ސަރުކާރުން އެކަން ހާމަކޮށްފައިވަނީ ދެންމެ އާންމުކުރި ބަޔާނެއްގަ އެވެ. ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހި ދައުލަތުގެ ސިޔާދަތަކީ އޭގެމައްޗަށް ރާއްޖޭގެ މިނިވަންކަން ބަރޯސާވާ އަދި ބަދަލުނުކުރެވޭނެ، ދިވެހިދައުލަތާއި ދިވެހިރައްޔިތުންގެ ހައްގެއް ކަމަށެވެ.
އަދި ރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ހިމެނޭގޮތުން، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ދިވެހިދައުލަތާ ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށާއި އެ ހުދޫދުގެ ތެރެއިން، ރާއްޖޭގެ ސަރަޙައްދު ބަލަހައްޓައި ގައުމުގެ މިނިވަންކަމާއި ދިވެހިދައުލަތުގެ ސިޔާދަތު ރައްކާތެރިކުރުމަކީ ދިވެހިން ވަރަށް ފަޚުރުވެރިކަމާއެކު ކޮށްފައިވާ އަދި ކުރަމުންގެންދާ ކަމެއްކަން ތާރީހުން ހެކިދޭ ކަމަށްވެސް ބުންޏެވެ.
ހެންކަމުން ދިވެހިރާއްޖޭގެ ސަރަޙައްދު އަމާންކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދޭދިނުމަކީ ދުނިޔޭގެ ތެލުގެ އަދި އެހެނިހެން ވިޔަފާރިތަކަށް ދިވެހިރާއްޖެއިން ޒަމާނުއްސުރެ ކޮށްދޭ އަގުހުރި ހިދުމަތެއް ކަމަަށާ އަދި މިމޭރުމުން ދުނިޔެއާއި މި ސަރަޙައްދުގެ ހަމަޖެހުމަށާއި އަމާންކަމަށް ދިވެހިރާއްޖެއިން ކޮށްދޭ ވަރަށް މުހިންމު ހިދުމަތެއް ކަމަށް ސަރުކާރުގެ ބަޔާނުގައިވެ އެވެ.
ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަގްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ދިވެހިރާއްޖޭގެ ހާއްސަ އިގްތިޞާދީ ސަރަހައްދު ހިމެނޭގޮތުން، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތަކަށް ހުޅުވައިލުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށާއި ދިވެހި ދައުލަތުގެ ސިޔާދަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ. އަދި މި ސަރަޙައްދުގެ ހަމަޖެހުމާއި ސަލާމަތަށް އަސަރުކުރާނޭ ކަމެކެވެ. މިހެންވުމާއެކު، މިކަން މިގޮތަށް ނުކުރުމަކީ ދިވެހިސަރުކާރުގެ އަސާސީ ސިޔާސަތެއްކަން ވަނީ ފާހަގަކޮށްފަ އެވެ.
އެހެން ކަމުން، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގައި ސާފުކޮށް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި، މިނޫން ގޮތަކަށް މޭރުންވެދާނޭ ފަދަޔަކުން ބޭރުގެ ނުފޫޒަކަށް، ސީދާ ނުވަތަ ނުސީދާ ގޮތަކުން ވިޔަސް، އެއްވެސް ފަރާތަކުން ދަޢުވަތު ނުދިނުމަށް ދިވެހި ސަރުކާރުން އިލްތިމާސްކުރާ ކަމަށް ބަޔާނުގައިވެ އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑްގެ އުޅަނދެއް. ސަރުކާރުން ބުނީ ރާއްޖޭގެ ސަރަހައްދު ބަލަހައްަޓަން ބޭރު ބަޔަކާ ހަވާލުނުކުރާނެކަމަށް - ފޮޓޯ: އެމްއެންޑީއެފް
މިފަދަ ބަޔާނެއް ސަރުކާރުން އާންމު މިކުރީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ދުނިޔޭގެ ބާރުތަކުން މި ސަރަހައްދަށް ބޮޑެތި އަސްކަރީ އާލާތްތައް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދެއްކެވި ދަނޑިވަޅެއްގައި އެވެ.
މީގެއިތުރުން ރަސްމާލެ ތަރައްގީ ކުރުމަށް ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ، އީގަލް ހިލްސްއާ އެކު ސޮއިކުރި އެއްބަސްވުމެއްގެ މައްސަލަ ވެސް ވަނީ ހޫނުވެފަ އެވެ.