ads
ފައިނޭންސް މިނިސްޓަރު ވަޒީރު ހަސަން ޒަރީރު - ފޮޓޯ: ސީއޭ މޯލްޑިވްސް
ރާއްޖޭގެ މާލީ ހާލަތު ވަރުގަދަކުރުމުގެ ފިޔަވަޅުތައް ސަރުކާރުން ދަނީ އަޅަމުން: ފިނޭންސް މިނިސްޓަރު
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، ގައުމުގެ މާލީ ހަމަޖެހުން ދަމަހައްޓައި، އިގްތިސާދީ ވިލުންވެރިކަން އިތުރުކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ފައިނޭންސް މިނިސްޓަރު ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
Advertisement

ހަސަން ޒަރީރު ރޮއިޓާސްއަށް ދެއްވި އޮންލައިން އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖެއަކީ ބޭނުންކުރާ އެންމެހައި ތެޔޮ ބޭރުން އެތެރެކުރާ ގައުމަކަށްވެފައި، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ސަރުކާރުން އެނާޖީ ސަބްސިޑީއަށް ކުރާ ހަރަދު މިއަހަރު ތިންގުނައަށް އިތުރުކުރަން ޖެހިފައިވާ ކަމަށެވެ. މީގެ ސަބަބުން ދައުލަތުގެ ބަޖެޓު ޑެފިސިޓް ކުރިން އަންދާޒާކުރި 7.1 އިންސައްތައިން ނުވަ އިންސައްތައަށް މައްޗަށް ދާނެ ކަމަށް ބެލެވޭ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ޒަރީރު ވިދާޅުވީ، ސަރުކާރުން ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ފިސްކަލް އިސްލާހީ ފިޔަވަޅުތައް އަޅައި ޑެފިސިޓް ކުޑަކުރުމަށް ސާބިތުކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އިގުތިސާދު އިތުރަށް ވަރުގަދަކުރުމަށްޓަކައި ބޭރުގެ އެހީތެރިކަން އަދިވެސް ބޭނުންވާކަމަށް އޭނާ ވިދާޅުވި އެވެ.

ތެލުގެ އަގު މައްޗަށް ދިއުމާއި ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ސަބަބުން އިގުތިސާދަށް ބޮޑު ލޮޅުމެއް އައިސްފައިވާއިރު، 2026 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ބެލެވެނީ އެންމެ އެއް އިންސައްތައިގައި ކަމަށް މިނިސްޓަރު ޒަރީރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"ސަރުކާރުގެ އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކަށް އެހީތެރިކަން ހޯދުމުގެ ގޮތުން ވޯލްޑް ބޭންކާއި އެހެނިހެން މާލީ އިދާރާތަކާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް އެބަދޭ" އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމުގައި ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ އެއްބާރުލުން ނުހަނު ބޮޑު ދައުރެއް އަދާކުރާކަން ފާހަގަކުރައްވަމުން ޒަރީރު ވިދާޅުވި އެވެ. 

ހަމައެއާއެކު ދަތުރުފަތުރަށް އަންނަ ބުރޫތަކަށް ހައްލެއް ހޯދައި، އަންނަ އަހަރު ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށްޓަކައި ގައުމީ އެއާލައިނަށް އިތުރު ބޯޓުފަހަރު ލީސްކުރުމަށާއި، ރާއްޖޭގެ އަށްވަނައަށް އެންމެ ބޮޑު މާކެޓު ކަމަށްވާ އޮސްޓްރޭލިއާއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ރޭވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެއިތުރުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ބޭރުގެ އިތުރު ހަތް އެއާލައިނަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ފިނޭންސް މިނިސްޓަރު ވަނީ ހާމަކުރައްވާފަ އެވެ.

ޒަރީރު އެފަދައިން ވިދާޅުވިއިރު މިފަހުން ދައުލަތުގެ ބޮޑެތި ދަރަނިތައް އަދާކުރުމަށާއި މާލީ ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އެކު، ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ "މޫޑީޒް" އިން ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން މަތިކޮށްފައެވެ. އެގޮތުން ރާއްޖޭގެ ރޭޓިން މަތިކޮށްފައިވަނީ ސީއޭއޭ2 އިން ސީއޭއޭ1 އަށެވެ.

މިކަމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީޒްއިން ބުނީ 'ސީއޭއޭ1' އަށް މަތިކުރީ، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ބޮޑެތި ދަރަނިތައް ދައްކައި، ކުރިއަށް އޮތް ތަނުގައި ދަރަނި ނުދެއްކިދާނެ ކަމުގެ ނުރައްކާ ބޮޑުތަނުން ކުޑަކުރެވިފައިވާތީ ކަމަށެވެ.

ސަރުކާރުގެ މި ހަރުދަނާ ސިޔާސަތުތަކަކީ މާލީ ހިންގުން ހަރުދަނާކުރުމަށާއި، ބައިނަލްއަގްވާމީ މާލީ ގުޅުންތައް ބަދަހިކުރުމަށާއި، އިސްތިރާތީޖީ މުހިންމު ދާއިރާތަކަށް އިންވެސްޓްކޮށްގެން މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ފިއްތުންތަކަށް ދާއިމީ ހައްލެއް ހޯދުމަށް އެކަށައަޅާފައިވާ މުހިންމު ފިޔަވަޅުތަކެކެވެ. މީގެ މައިގަނޑު ބޭނުމަކީ ގައުމުގެ ދިގު މުއްދަތުގެ ތަރައްގީގެ ލަނޑުދަނޑިތައް ކާމިޔާބުކަމާއެކު ހާސިލުކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް