މި ރޭންކިންގެ ފުރަތަމަ އެޑިޝަންގައި 89 ގައުމަކުން ހޮވި 500 ބޭންކުގެ ތެރޭގައި ބީއެމްއެލް ހިމެނެ އެވެ. މިއީ ރާއްޖޭގެ ބޭންކިން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ އިތުރުން، ދުނިޔޭގެ ނަން މަޝްހޫރު ބޭންކުތަކާ އެއް ސަފެއްގައި ރާއްޖޭގެ މާލީ އިދާރާއެއް ހިމެނުނު ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ ފެންވަރުގައި ދެވުނު މި މިނިވަން ރޭންކިންއާ އެކު ބީއެމްއެލްގެ މާލީ ވަރުގަދަކަމާއި ހަރުދަނާ ރިސްކް މެނޭޖްމަންޓްގެ އިތުރުން ދިވެހި އިގްތިސޯދުގެ މައި ތަނބެއްގެ ގޮތުގައި އެ ބޭންކުން އަދާކުރާ މުހިންމު ދައުރު ވަނީ ކަށަވަރުވެފަ އެވެ.
ފޯބްސް އާއި ސްޓެޓިސްޓާ ގުޅިގެން އެކުލަވާލި 'ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް 2026' ރޭންކިންގައި ބޭންކުތައް ވަޒަންކޮށްފައި ވަނީ މާލީ އަދި ހިންގުމުގެ ދާއިރާގެ މުހިންމު ހަތަރު މިންގަނޑަކަށް ބަލައިގެންނެވެ.
އެއީ ފައިދާލިބޭ މިންވަރު، ކުރިއެރުމާއި އާމްދަނީގެ ފެންވަރު، ރައުސްމާލާއި ފަންޑިންގެ ވަރުގަދަކަން، އަދި އެސެޓްގެ ފެންވަރާއި ހިންގުންތެރިކަމެވެ. މި ރޭންކިން އެކުލަވައިލުމުގައި އެސް އެންޑް ޕީ ކެޕިޓަލް އައިކިއު ފަދަ އިތުބާރު ހުރި މާލީ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ތަފާސްހިސާބުތަކާއި، ބޭންކުތަކުން އާންމުކޮށްފައިވާ ރިޕޯޓުތަކުގެ އިތުރުން މިނިވަން ދިރާސާތަކަށް ރިއާޔަތްކޮށްފައި ވެއެވެ. މި ލިސްޓު ހަ ގިންތިއަކަށް ބަހާލެވިފައިވާއިރު، ޓިއަރ 1 ގައި ޖޭޕީ މޯގަން ޗޭސް، ޑީބީއެސް، އޯސީބީސީ އަދި އެޗްޑީއެފްސީ ބޭންކް ފަދަ ދުނިޔޭގެ ބޮޑެތި ބޭންކުތައް ހިމެ ނެއެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މި އެވޯޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އަޅުގަނޑުމެންގެ ސައިޒުގެ ބޭންކުތަކާ އަޅާކިޔައި، މާލީ ތަފާސްހިސާބުތަކަށް ބަލައިގެން ދީފައިވާ ރޭންކެއްކަމަށެވެ.
ބޭންކުން ދެކޭގޮތުގައި މި ކާމިޔާބީއަކީ ކަސްޓަމަރުންނާއި، ހިއްސާދާރުން އަދި މުޅި ގައުމުގެ ލާބައަށްޓަކައި މާލީ ހިދުމަތުގެ ފެންވަރު އިތުރަށް މަތިކުރުމަށް ލިބުނު ބޮޑު ހިތްވަރެކެވެ.