ads
އޮޑިޓަރު ޖެނެރަލް ހުސައިން ނިޔާޒީ
އަންނަ އަހަރަށް އޮޑިޓް އޮފީހުން 133 މިލިއަން ރުފިޔާ ބަޖެޓެއް ހުށަހަޅައިފި
އަންނަ އަހަރަށް އޮޑިޓް އޮފީހުން 133 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުން މަޖިލިހަށް ހުށައަޅައިފި އެވެ.
Advertisement

އޮޑިޓް އޮފީހުން އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓްގެ ތެރެއިން 43.5 މިލިއަން ރުފިޔާ ހަމަޖައްސާފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ. 

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އަންނަ އަހަރަށް ލަފާކުރައްވާ ބަޖެޓް ހުށައަޅުއްވަމުން އޮޑިޓަރު ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، މި އަހަރަށް އެ އޮފީހަށް ކަނޑައެޅި 134.2 މިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް ހަރަދުވެފައިވަނީ 56.9 މިލިއަން ރުފިޔާ ކަމަށެވެ.

ނިޔާޒީ ވިދާޅުވީ އަހަރު ނިމުމުގެ ކުރިން ބަޖެޓުން އަދި އިތުރު 45 މިލިއަން ހަރަދުވާނެކަަމަށްް ބެލެވޭކަމަށާއި އަހަރު ނިމޭއިރު ބާކީ 31 މިލިއަން ރުފިޔާ ހުންނާނެ ލަފާކުރެވޭކަމަށެެވެ. 

ނިޔާޒީ ވިދާޅުވީ އަންނަ އަހަރު 394 އޮޑިޓެއް ކުރިއަށް ގެންދިއުމަށް އެ އޮފީހުން ނިންމާފައިވާކަމަށެވެ. އޭގެތެރޭގައި މި އަހަރު ނުނިމި ހުރި ބައެއް އޮޑިޓްތަކުގެ އިތުރުން ހާއްސަ އަށް އޮޑިޓެއްވެސް ހިމެނޭކަން ނިޔާޒީ ފާހަގަކުރެއްވި އެވެ. 

އަންނަ އަހަރު ކުރަން ނިންމާފައިވާ އޮޑިޓްތައް 

  • ބޭރުގެ އެހީގައި ހިންގާ މަޝްރޫޢުތަކުގެ 22 އޮޑިޓް
  • ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން 61 ތަނެއްގެ ފައިނޭންޝަލް އަދި ކޮމްޕްލަޔަންސް އޮޑިޓް
  • ލޯކަލް ކައުންސިލްތަކުގެ 106 އޮޑިޓް
  • ދައުލަތުގެ ކުންފުނިތަކުގެ ފައިނޭންޝަލް އޮޑިޓްގެ ގޮތުގައި 40 އޮޑިޓް
  • މާލީ އިދާރާތަކުގެ ހަތަރު އޮޑިޓް
  • ޕަބްލިކް ފަންޑާއި ސްކީމްތަކުގެ ހަ އޮޑިޓް
  • ބަޖެޓާއި ފިސްކަލް ޓްރާންސްޕޭރެންސީ ޤާނޫނުގެ ދަށުން ކުރަންޖެހޭ ފަސް އޮޑިޓް
  • ދައުލަތުގެ ދަރަންޏާއި ގެރެންޓީއާ ގުޅޭ ތިން އޮޑިޓް
  • ޕާފޯމަންސް އޮޑިޓްގެ ގޮތުގައި ހަ އޮޑިޓް
  • ޚާއްޞަ (ސްޕެޝަލް) އަށް އޮޑިޓް
  • އިންފޮމޭޝަން ސިސްޓަމްތަކާ ގުޅޭ ހަތް އޮޑިޓް
  • ތިމާވެއްޓާ ގުޅުންހުރި ހަ އޮޑިޓް
  • މި އަހަރު ނުނިމި ހުރި 120 އޮޑިޓް

އޮޑިޓާ ޖެނެރަލް ނިޔާޒީ ވިދާޅުވީ މި އަހަރުގެ މިހާތަނަށް 183 އޮޑިޓް ރިޕޯޓެއް އާއްމުކޮށްފައިވާނެ ކަމަށެވެ. އަދި މިހާރުވެސް 259 އޮޑިޓެއްގެ މަސައްކަތް ހިނގަމުންދާކަން ފާހަގަކުރައްވަމުން ނިޔާޒީ ވިދާޅުވީ އޭގެތެރެއިން ގިނަ އޮޑިޓްތަކުގެ މަސައްކަތް އަހަރު ނިމުމުގެ ކުރިން ނިންމާލާ އާއްމުކުރެވޭނެކަަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް