ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލުގެ ބަހުސް ނިންމާލަމުން ފަޒާދު ވިދާޅުވީ، ބިލުގެ 74 ވަނަ މާއްދާގައި ދައުވާކުރުމުގެ ފުރުޞަތު ނުލިބޭ 3 ހާލަތެއްގައި މުދާ ނެގޭނެ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. ބިލުގެ މަޤްޞަދަކީ ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މާލީ މަންފާ ބޭނުންކުރުން ހުއްޓުވުމާއި، އެފަދަ މުދަލުން އިތުރު މަންފާއެއް ހޯދުމުގެ މަގު ބަންދުކުރުމެވެ.
ބިލުގެ މުހިންމު ނުކުތާތައް:
މުދާ ނެގޭނެ ހާލަތްތައް: ކުށުގެ ތުހުމަތުކުރެވޭ މީހާ މަރުވުން، ފިލައިގެން އުޅުން، ނުވަތަ ދައުވާކުރުމުގެ ފުރުޞަތު ނުލިބޭ އެނޫންވެސް ހާލަތްތަކުގައެވެ.
މިފަދަ ހާލަތްތަކުގައިވެސް މުދާ ނެގޭނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހައިކޯޓަށް ހުށަހަޅުއްވައި، އެ ކޯޓުގެ އަމުރެއް ލިބިގެންނެވެ. މި ބިލުގެ ތިންވަނަ ކިއުން މިއަދުގެ ޖަލްސާގައި އިއްވާފައިވާއިރު، ދެން އޮންނާނީ ބިލު ފާސްކުރުމާމެދު މަޖިލީހުގައި ވޯޓަށް އެހުމެވެ.