އުފަންދުވަހުގެ ހާއްސަ އެޕިސޯޑުގައި ޝޯގެ ކުރޫއިން ވަނީ އަމީތާބް ހައިރާންކޮށްލުމަށް ފަހު، ވަރަށް އަސަރުގަދަ ސަޕްރައިޒެއް ދީފަ އެވެ.
އެގޮތުން ޝޯގެ ތެރެއިން ވަނީ އަމީތާބްގެ މަރުވެފައިވާ މަންމަ ތޭޖީ ބައްޗަން، އޭނާގެ ބައްޕަ ހަރިވަންޝް ރާއީ ބައްޗަން ހަދާފައިވާ ޅެމެއް ކިޔައިދޭ ވަރަށް ކުރީގެ އޯޑިއޯ ރެކޯޑިންއެއް އިއްވާލައިފައެވެ. މަންމަގެ އަޑުން ބައްޕަގެ ޅެން އަޑުއިވުމާއެކު އަމީތާބަށް ވަނީ ކެތްނުކުރެވިގެން ލޮލުން ކަރުނަ ފައިބައި، ވަރަށް ބޮޑަށް ޖަޒުބާތީވެފަ އެވެ.
މި އަހަރުގެ އުފަންދުވަސް އަމީތާބް ފާހަގަކުރިއިރު، މުމްބާއީގައި ހުންނަ އޭނާގެ ގެ "ޖަލްސާ" ކައިރިއަށް ވެސް އެތައް ހާސް ސަޕޯޓަރުންނެއް ވަނީ އެއްވެފައެވެ. ސަޕޯޓަރުން ލަވަކިޔައި ޕޯސްޓަރުތައް ހިފައިގެން ތިބިއިރު، ހަރުކަށި ސެކިއުރިޓީގެ ތެރެއިން އަމީތާބް ވަނީ ބޭރަށް ނުކުމެ، ދެއަތް ޖޯޑުކޮށް ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.
މީގެ އިތުރުން ފިލްމީ ދާއިރާގެ ގިނަ ފަންނާނުންތަކެއް ވެސް ވަނީ އަމީތާބަށް ސޯޝަލް މީޑިއާގައި ތަހުނިޔާ ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ކާޖޯލް، ޗިރަންޖީވީ، ކަމަލް ހާސަން، ޕްރަބާސް، ސަންޖޭ ދަތު އަދި އަޖޭ ދޭވްގަން ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ.