އޭނާ މަރުވެފައިވަނީ އެމެރިކާގެ ލޮސް އެންޖެލިސްގައި ހުންނަ އޭނާގެ އަމިއްލަ ގޭގައި ވަރަށް ސުލްހަވެރިކަމާއެކު އާއިލާގެ މީހުން ކައިރީގައި ތިއްބައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އީވާ މަރީ ސެއިންޓް މަރުވުމާ ގުޅިގެން މުޅި ހޮލީވުޑާއި ދުނިޔޭގެ ފިލްމީ ދާއިރާގެ ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކޮށް އޭނާގެ ހަނދާންތައް އާކުރަމުންނެވެ.
އީވާ މަރީ ސެއިންޓް ބޮޑު ސްކްރީނަށް ތައާރަފުވެގެން ދިޔައީ 1954 ވަނަ އަހަރު ނުކުތް މަޝްހޫރު ފިލްމު "އޮން ދަ ވޯޓާފްރަންޓް" އިން މާލޮން ބްރެންޑޯ އާއެކުގައެވެ. އޭނާ ކުޅުނު އެންމެ ފުރަތަމަ މި ފިލްމުން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އޮސްކާ އެވޯޑު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން 1959 ވަނަ އަހަރު އަލްފްރެޑް ހިޗްކޮކް ޑައިރެކްޓްކުރި "ނޯތު ބައި ނޯތުވެސްޓް" ގައި ކެރީ ގްރާންޓާ އެކު އޭނާ އަދާކުރި ޖާސޫސީ ރޯލަކީ ސިނަމާގެ ތާރީހުގައި ފާހަގަކޮށްލެވޭ ފަދަ މޮޅު އެކްޓިންއެއް ފެނިގެންދިޔަ ފިލްމެކެވެ.
ހަތްދިހަ އަހަރަށް ވުރެ ދިގު ފިލްމީ ހަޔާތެއް ވޭތުކުރި އީވާ މަރީ ސެއިންޓް ވަނީ ފިލްމުތަކުގެ އިތުރުން ތިއޭޓަރު ޑްރާމާތަކާއި ޓީވީ ސީރީޒްތަކުގައި ވެސް މޮޅު އެކްޓިންއެއް ދައްކުވައިދީފައެވެ. އެގޮތުން 1990 ވަނަ އަހަރު ނެރުނު މިނީ ސީރީޒް "ޕީޕަލް ލައިކް އަސް" އިން އޭނާ ވަނީ އެމީ އެވޯޑު ވެސް ހާސިލުކޮށްފަ އެވެ. އަދި އުމުރުން ދުވަސްވުމަށް ފަހު ވެސް އޭނާ ވަނީ 2006 ވަނަ އަހަރު ނުކުތް "ސުޕަމޭން ރިޓާންސް" ފަދަ ޒަމާނީ މަޝްހޫރު ފިލްމުތަކުގައި ވެސް މުހިންމު ރޯލުތައް އަދާކޮށްފަ އެވެ.
އެކެޑަމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސަސް އިން ނެރުނު ބަޔާނެއްގައި ބުނީ، "އީވާ މަރީ ސެއިންޓަކީ ހޮލީވުޑްގެ ތާރީހު ބަދަލުކޮށްލި، ކެރެކްޓާތަކަށް ފުރިހަމަ ދިރުން ގެނެސްދިން ހަގީގީ ލެޖެންޑެއް" ކަމަށެވެ. އަދި އޭނާގެ ހުނަރުވެރިކަމާއި އަހުލާގަކީ ކުރިއަރަމުން އަންނަ ޖީލުތަކުގެ ފަންނާނުންނަށް ލިބުނު ވަރަށް އަގުހުރި ނަމޫނާއެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އީވާ މަރީ ސެއިންޓް ވަކިވެގެން ދިއުމަކީ ހޮލީވުޑްގެ ކްލެސިކް ޒަމާން ޒަމާނީ ސިނަމާއާ ގުޅުވައިދިން އެންމެ މުހިންމު އެއް ބޮޅު ގެއްލިގެން ދިއުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފިލްމީ ފަންނާނުންނާއި ސަޕޯޓަރުން އަންނަނީ އޭނާގެ މޮޅު ފިލްމުތަކުގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް، އޭނާ ފިލްމީ ދުނިޔެއަށް ދޫކޮށްދިޔަ މުއްސަނދި ތަރިކައަށް ސަނާ ކިޔަމުންނެވެ.