ސަލްމާން ހާން މިކަމާ ގުޅޭގޮތުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނީ އޭނާގެ އަމިއްލަ ޔޫޓިއުބް ޗެނަލް ލޯންޗުކުރުމުގެ އިތުރުން ސޯޝަލް މީޑިއާ އާއި ޓީވީ ޕްރޮގްރާމްތަކުގައި ވާހަކަދައްކަމުންނެވެ. އޭނާ ބުނީ އަންހެން ފަންނާނުންގެ އަމިއްލަ މިނިވަންކަމަށް އަރައިގަނެ، ގަބޫލުނުކުރެވޭ ފަދަ އޭންގަލްތަކުން ފޮޓޯ އާއި ވީޑިއޯ ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ހަބަރުތައް ބުނާ ގޮތުގައި، ސަލްމާން ހާން މި މައްސަލަ ފާހަގަކުރީ ބަތަލާއިން ކާރުތަކުން ފައިބާ ވަގުތުތަކުގައާއި ހިނގާފައި ދާ ވަގުތުތަކުގައި، އެ މީހުންނަށް އުނދަގޫވާ ގޮތަށް ގާތުން ފޮޓޯ ނަގަމުންދާތީއެވެ. އޭނާ ބުނީ ބައެއް ފަރާތްތަކުން އަމިއްލައަށް އެދިގެން އެފަދަ ފޮޓޯ ނެގި ނަމަވެސް، އެކަމަށް އިންކާރުކުރާ ތަރިންގެ ފޮޓޯ ނެގުމުގައި ހައްދުފަހަނައަޅައިގެން ނުވާނެ ކަމަށެވެ. އަދި އަންހެނުންގެ އިއްޒަތާއި އަބުރަށް އުނިކަން އަންނަ ގޮތަށް މިފަދަ އަމަލުތައް ހިންގާނަމަ ގާނޫނީ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދީފައެވެ.
މި މައްސަލައިގައި ބޮލީވުޑްގެ އެހެން ފަންނާނުންގެ ތާއީދު ވެސް ސަލްމާން ހާނަށް ވަނީ ލިބިފައެވެ. އެގޮތުން މަޝްހޫރު ބަތަލާ ނޭހާ ދޫޕިއާ ފަދަ ތަރިން ވަނީ ސަލްމާން ހާން ފަދަ ނުފޫޒުގަދަ އެކްޓަރަކު އަންހެނުންގެ ހައްގުގައި އަޑުއުފުލުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ބުނެފައެވެ. އިންޑިއާގެ މީޑިއާތަކުން ފާހަގަކުރާ ގޮތުގައި، އާންމު ތަންތަނުގައި އަންހެން ތަރިންގެ ޒާތީ މިނިވަންކަން ގެއްލޭ ގޮތަށް އަމަލުކުރާ މައްސަލައަކީ މުޅި އިންޑަސްޓްރީގެ ވެސް ބޮޑު ކަންބޮޑުވުމެކެވެ.
އޭނާ އިތުރަށް ބުނީ ފޮޓޯ ނެގުމުގައި ހަމަތަކަކާއި އުސޫލުތަކެއް ހުންނަންވާނެ ކަމަށާއި، ވައިރަލް ވުމުގެ ބޭނުމުގައި އަންހެނުން ލަދުގަންނުވާލުމަކީ ނޫސްވެރިކަމެއް ނޫން ކަމަށެވެ.
ސަލްމާން ހާންގެ މި ހަރުކަށި ބަސްތަކަށް އިންޓަނެޓާއި ސޯޝަލް މީޑިއާގައި އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އޭނާ އަލަށް ފެށި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އެކްޓިން ދަސްކޮށްދިނުމުގެ އިތުރުން، އިންޑަސްޓްރީގައި ހުރި މިފަދަ ނުރަނގަޅު ކަންކަން އިސްލާހުކުރުމަށް އޭނާ މަސައްކަތް ކުރަމުންދާތީ ގިނަ ބަޔަކު ދަނީ ސަލްމާން ހާނަށް ތައުރީފު ކުރަމުންނެވެ.