މި ހިދުމަތް ފައްޓަވާ ދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ. ހިދުމަތް ފަށްޓަވައިދެއްވުމަށްފަހު ގީލާ ވިދާޅުވީ ފިޒިއޯތެރަޕީއަކީ އެކިއެކި އަނިޔާތަކާއި، އުމުރުން ދުވަސްވުމުގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ އުނދަގޫތަކުން އަރައިގަތުމަށް ކޮންމެހެން ބޭނުންތެރި ފަރުވާއެއް ކަމަށެވެ.
އެ ހިދުމަތް ކާށިދޫގައި ދެވެން ނެތުމުގެ ސަބަބުން އެ ރަށު ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކަކީ ކުޑަ ކަމެއް ނޫން ކަމަށް ގީލާ ވިދާޅުވި އެވެ. އެގޮތުން ދަތުރުފަތުރުގެ ދަތިތަކާއި މާލެ އައުމަށްފަހު ވެސް ކުރަންޖެހޭ ބޮޑެތި ހަރަދުތަކުގެ ސަބަބުން އާއިލާތަކަށް ބޮޑު ބުރައެއް އުފުލަންޖެހުނުކަން ޤީލާ ފާހަގަކުރެއްވި އެވެ.
އެހެންކަމުން ކާށިދޫގެ ސިއްހީ މަރުކަޒުގައި ފިޒިއޯތެރަޕީގެ ހިދުމަތް ގާއިމުކުރެވިގެން ދިޔުމަކީ އެ ދަތިތަކަށް ނިމުމެއް ގެނެސްދޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ގީލާ ސިފަކުރެއްވި އެވެ.
ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ތެރެއިން 10 ތަނެއްގައި ފިޒިއޮތެރަޕީގެ ހިދުމަތް ދިޔައީ ފޯރުކޮށްދެމުންނެވެ.
އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ބ. އަތޮޅު ހޮސްޕިޓަލް، ޅ. އަތޮޅު ހޮސްޕިޓަލް، މުލީ ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ގއ. އަތޮޅު ހޮސްޕިޓަލް، ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، ފުވައްމުލައް ހޮސްޕިޓަލް އަދި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލެވެ.
ފިޒިއޮތެރަޕީގެ ހިދުމަތް އަތޮޅުތަކުގައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކާށިދޫ ހިމެނޭހެން އިތުރު ފަސް ރަށެއްގައި މިހާރު ހިދުމަތް ވަނީ ފަށާފަ އެވެ. އެގޮތުން ކާށިދޫގެ އިތުރުން، މާފުށީ ހޮސްޕިޓަލް، ނ. އަތޮޅު ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް، ށ. އަތޮޅު ހޮސްޕިޓަލުގައި ފިޒިއޮތެރަޕީގެ ހިދުމަތް ދެމުން އަންނަކަން ހެލްތު މިނިސްޓްރީން ފާހަގަކުރެ އެވެ.