މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ހއ. ހޯރަފުށި، ލިލީޒް، ޒާހިރު ޢަލީދީދީ (44 އަހަރު) އެވެ. މީނާގެ ބަންދަށް ކްރިމިނަލްކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާދީފަ އެވެ. ފުލުހުން މީނާގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފަހެއްޓުމުގެ ތުހުމަތެވެ.
މީނާގެ ބަންދުގެ އަމުރުގައިވާ ގޮތުން ފުލުހުން މީނާ ހައްޔަރުކުރީ އޭނާގެ އޭނާގެ އާއިލާގެ މީހުނަށް ބަޔަކު ވަޅިން ބިރުދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި އޭނާގެ ބައިވެރިވުން އޮތްކަމަށް ބެލެވޭތީކަމަށެވެ.
އެގޮތުން ހަދިސާގެ ކުރިން މި އަމަލު ހިންގި މީހުން މީނާއާއެކު ހަރަކާތްތެރިވާކަމާއި، އަމިއްލަ ގެއަށް މިނާއާއެކު އެމީހުން ގެންދިޔަކަމަށް ކޯޓުގެ އަމުރުގައިވެއެވެ. އަދި އެމީހުން މީނާގެ ގެޔަށް ވަދެ ފޭރުނު ހާދިސާއަށް ފަހު މީނާ ހައްޔަރުކުރުމާއި ހަމައަށް ގެއަށް އެނބުރި ގޮސްފައި ނުވާކަމަށްވެސް ކޯޓު އަމުރުުގައި ވެއެވެ. ފުލުހުން ބުނީ މިނާ ހައްޔަރުކުރީ މި އަމަލު ހިންގުމުގައި އަމަލީގޮތުން ބައިވެރިވި މީހަކު ހައްޔަރުކުރަން ހިންގި އޮޕަރޭޝަންގައި އެމީހާއާއި އެކު މީނާ ހުއްޓާކަމަށެވެ.
ބަންދުގެ މަޖިލީހުގައި ދިފާއުގައި ވާހަކަ ދައްކަމުން މި މީހާ ބުނީ އޭނާގެ އާއިލާ މީހުން އަތުން ފޭރުނު ބަޔަކީ ގޭމެއް ކުޅުމުގެ ތެރެއިން ދިމާވި މީހެއްކަމަށެވެ. އަދި އެމީހުން މިނާ ހިފަހައްޓައި ނުދެވޭގޮތް ހެދުމަށްފަހު ގޭގެ ތަޅުދަނޑި އަތުލާ އެ ހިފައިގެން ގޮސް ގޭ މީހުން އަތުން ފޭރުނީކަމަށެވެ. އެމީހުންނާ އެއްވެސް ގުޅުމެއް ނެތްކަމަށްވެސް މީ މީހާ ވަނީ ކޯޓުގައި ބުނެފަ އެވެ.