މިއުޒިކް ކުންފުނި ޓީ ސީރީޒް އަދި ބީ62 ސްޓޫޑިއޯސް އިން މިކަން ހާމަކުރީ އިންޓަނޭޝަނަލް މަންސަތަކުގައި މި ފިލްމުގެ މިއުޒިކް އިތުރަށް ފާހަގަކޮށް، ކުރިއަށް ގެންދިއުމުގެ މަގުސަދުގައެވެ.
އިންޑިއާގެ ނޭޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ކޮމްޕޯޒަރު ޝަޝްވަތު ސަޗްދޭވް ތައްޔާރުކޮށްފައިވާ މި ފިލްމުގެ މިއުޒިކަކީ، ޑައިރެކްޓަރު އަދިތްޔާ ދާރުގެ އިރުޝާދުގެ ދަށުން އުފެއްދި ވަރުގަދަ މަސައްކަތެކެވެ. މީގެ ކުރިން 'އުރީ: ދަ ސާޖިކަލް ސްޓްރައިކް' އިން ބޮޑު މަގުބޫލުކަމެއް ހޯދި މި ދެ ފަންނާނުން ގުޅިގެން އުފެއްދި 'ދުރަންދަރު' ގެ ލަވަތަކަށް މުޅި އިންޑިއާގެ އިތުރުން ބޭރު ގައުމުތަކުގައި ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
ގްރެމީ އެވޯޑްސްއަށް ހުށަހެޅި ދާއިރާތަކުގެ ތެރޭގައި 'ބެސްޓް ކޮމްޕައިލޭޝަން ސައުންޑްޓްރެކް ފޯ ވިޝުއަލް މީޑިއާ' އާއި އަރިޖީތު ސިންގް ކިޔާފައިވާ ލަވަ 'ފިރް ސޭ' ހިމެނޭހެން 'ބެސްޓް ސޯންގް ރިޓެން ފޯ ވިޝުއަލް މީޑިއާ' ހިމެނެއެވެ. މީގެ އިތުރުން 'ބެސްޓް އޭޝިއަން ޕޮޕް މިއުޒިކް ޕާފޯމަންސް' އާއި 'ބެސްޓް ގްލޯބަލް މިއުޒިކް ޕާފޯމަންސް' އަދި ރެޕް، ޑާންސް އަދި އިލެކްޓްރޯނިކް ދާއިރާތައް ހިމެނޭ ގޮތަށް ގިނަ ލަވަތަކެއް ވަނީ ހިމަނާފައެވެ.
ނަމަވެސް މިއީ އަދި ރަސްމީ ނޮމިނޭޝަނެއް ނޫން ކަމަށާއި، މިއީ އެވޯޑަށް ވާދަކުރުމަށް ހުށަހެޅި ހުށަހެޅުމެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އަރުޖުން ރާމްޕާލް، ސަންޖޭ ދަތު އަދި އާރު މާދަވަން ފަދަ ތަރިން ފެނިގެންދިޔަ މި ފިލްމު ބޮކްސް އޮފީހުގައި 1،850 ކްރޯޑަށް ވުރެ ގިނަ ރުޕީސް ހޯދާފައިވާއިރު، މިއުޒިކް ދިރާސާކުރާ ފަރާތްތަކުން ބުނީ މިއީ ބޮލީވުޑްގެ މިއުޒިކް އިންޓަނޭޝަނަލް ފެންވަރަށް ގެންދިއުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މީގެ ކުރިން އޭއާރު ރަހްމާން ހޯދި ފަދަ ރަން ކާމިޔާބީއެއް މި ފަހަރު އިންޑިއާއަށް ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު އަންނަނީ އުއްމީދުކުރަމުންނެވެ.