އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އަދި އިންސާފުވެރި ނިޒާމެއް ބިނާކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރައްވާނީ ނަފްސާނީ ގޮތުން ދަތިތައް ތަޖުރިބާކޮށްފައިވާ ފަރާތްތަކުގެ މަޝްވަރާ އާއި ބައިވެރިވުމުގެ މައްޗަށް ބިނާކޮށް، އަދި ރައްޔިތުންގެ ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށްވެސް ވިދާޅުވި އެވެ.
މި މަގުސަދު ހާސިލުކުރުމަށް "މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025–2029" ތަންފީޒު ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގައުމީ ސިޔާސަތަކާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ގާނޫނެއް އެކުލަވައިލުން ހިމެނޭހެން، ސިޔާސަތުތަކާއި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އާންމު ސިއްހީ ހިދުމަތުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަން ހިމަނައި، ސަރަހައްދީ އަދި ސްޕެޝަލިސްޓް ފަރުވާގެ ނިޒާމުތައް ހަރުދަނާކޮށް ޓެލެ-މެންޓަލް ހެލްތާއި ކުއްލި ހާލަތްތަކުގައި ފަރުވާ ދިނުމުގެ ނިޒާމުތައް ފުޅާކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
ދުނިޔޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރާ ހަމައަށް އާބާދީގެ ކޮންމެ ހަތް މީހަކުން އެކަކީ ނަފުސާނީ ބައްޔެއް ތަހްމަލު ކުރާ މީހެކެވެ. އެއީ، ގާތްގަނޑަކަށް 1.2 ބިލިއަން މީހުންނެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު 10އެއްގައި ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮ ކަމުގެ ދުވަސް ފާހަގަކުރާއިރު، މި އަހަރުގެ ޝިއާރަކީ "ތަޖުރިބާގެ އަޑު ކަނުލައި އެހުން: ހަގީގީ އަޑު، ހަގީގީ ބަދަލު" މިއެވެ.