މި ދުމުގެ އަސަރު ބޮޑަށް ކުރުމުގެ ސަބަބުން ކިޔެވުން މެދުކަނޑާލައި ސްކޫލްތައް ބަންދުކުރަން ނިންމާފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރާއި، ޕުތުރަޖާޔާގެ އިތުރުން އެ ގައުމުގެ މުހިންމު ބޮޑެތި ސަރަހައްދީ ސްޓޭޓްތަކުގައެވެ.
އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ސަބަބުން އުފެދިގެން އައިސްފައިވާ މި ބޯ ދުންގަނޑުގެ ސަބަބުން މެލޭޝިއާގެ ސަރަހައްދުތަކުގެ ވައިގެ ފެންވަރު ވަނީ ސިއްހަތަށް ނުރައްކާތެރި މިންވަރަކަށް ދަށްވެ، ތަގައްޔަރުވެފައެވެ. ވައިގެ ނުސާފުމިން ސިއްހަތަށް ނުރައްކާވާ މިންވަރަށް މައްޗަށް ދިއުމާ ގުޅިގެން، ދަރިވަރުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން ވަނީ އެ ސަރަހައްދުތަކުގެ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައި ސްކޫލްތައް ބަންދުކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.
އެއް ގައުމުން އަނެއް ގައުމަށް ބޯޑަރު ހުރަސްކޮށް ފެތުރެމުންދާ މި ދުމުގެ ތަގައްޔަރުކަމުގެ ނުރައްކަލާ ދެކޮޅަށް މަސައްކަތް ކުރުމަށާއި، މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، އާސިއާން (އޭއެސްއީއޭއެން) ގެ ގައުމުތަކުން އަންނަނީ ސަރަހައްދީ ފެންވަރުގައި ކުއްލި ފިޔަވަޅުތަކެއް އެކުލަވާލައި، އިޖާބަދިނުމުގެ މަސައްކަތްތައް ގުޅިގެން ކުރަމުންނެވެ.