ads
ލެގޫންސްގެ އިންތިޚާބުގެ ސައްހަކަމަށް އެންމެ ފަހުން ކޯޓުން ކަނޑައަޅައިފި
ލެގޫންސްގެ އިންތިހާބުގެ ސައްހަކަމަށް އެންމެ ފަހުން ކޯޓުން ކަނޑައަޅައިފި
ލެގޫންސް ސްޕޯޓްސް ކްލަބުގެ އިންތިހާބާ ގުޅޭގޮތުން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ އެ ކްލަބާ އެއްކޮޅަށް ނިމި، އިންތިޚާބީ މުޅި މަރުޙަލާ ކުރިއަށް ގެންގޮސްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އިޖުރާއާތުތަކާ އެއްގޮތަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.
Advertisement

މި މައްސަލަ ހުށައެޅީ ކުލަބުގެ ކުރީގެ ދެ މެމްބަރުން ކަމަށްވާ މއ. ނޮޅިވަރަމްގެ އަބްދުލްވާހިދާއި މ. ފަޅުމަތީގެ އަޙްމަދު އަލީއެވެ. ނަމަވެސް މި މައްސަލަ ނިމުނީ ލެގޫންސްގެ ކޮޅަށެވެ.

މި މައްސަލައިގެ ހުކުމް އިއްވަވާ 2026 އޮކްޓޫބަރު 8 ވީ ބުރާސްފަތި ދުވަހު ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ކުރެއްވި މި ޙުކުމުގައި، ލެގޫންސް ސްޕޯޓްސް ކްލަބުގެ ހިންގާ ކޮމިޓީގެ އިންތިޚާބު އިންތިޒާމުކޮށް ބޭއްވުމުގައި އަމަލުކޮށްފައިވަނީ ކޯޓުގެ އަމުރުތަކާއި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އިރުޝާދުތަކާ އެއްގޮތަށް ކަން ވަނީ ސާފުކޮށްދެއްވާފައެވެ.

މައްސަލަ ރަސްމީކޮށް ސިވިލް ކޯޓުގައި ރަޖިސްޓަރީކުރެވިފައިވަނީ 15 އޯގަސްޓު 2026 ގައެވެ. މައްސަލައިގެ ޝަރުޢީ މަރުޙަލާގައި ކޯޓަށް ހުށަހެޅުނު އެންމެހައި ލިޔެކިޔުންތަކަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޖުރާއާތުތަކަށް ރިޢާޔަތްކުރެއްވުމަށްފަހު ގާޒީ ނިންމެވީ، ކުރިން ހިންގުނު މައްސަލައާ ގުޅިގެން ނެރެވިފައިވާ ޙުކުމް ތަންފީޛުކުރުމުގެ މަސައްކަތް މުޅިން ފުރިހަމަވެ ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން، މައްސަލައިގެ ތެރެއިން ކުރިން ނެރެވިފައިވާ ވަގުތީ އަމުރުތަކާ މެދު އަލުން މުރާޖަޢާކޮށް، އެ ވަގުތީ އަމުރުތަކުގެ ބާރު މުރާޖަޢާކޮށް ނިމުމަކަށް ގެނެސްފައިވާކަން ކޯޓުގެ ޙުކުމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުން 12 މެއި 2026 ގައި ފޮނުއްވާފައިވާ ސިޓީގައިވާ ކަންކަމަށް ބަލާއިރު، ކްލަބުގެ އިންތިޚާބު ކުރިއަށް ގެންގޮސްފައިވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ސީދާ ބެލުމުގެ ދަށުން، ކޯޓުގެ ޙުކުމާ އެއްގޮތަށް އަދި ވަކި ފަރާތެއްގެ ނުފޫޒެއް ނެތި ކަން ކޯޓުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މުޅި މައްސަލައަށް ސިވިލް ކޯޓުން ބަޔާންކޮށްފައިވަނީ މައްސަލައިގެ ޙުކުމް ތަންފީޛުވެ ނިމިފައިވާކަން ޝަރުޢީ ލިޔެކިޔުންތަކުން ސާފުކޮށް އެނގެން އޮތުމާއެކު، މައްސަލައިގައި އިތުރަށް ގޮތެއް ނިންމަންޖެހޭ ނުވަތަ ކޯޓުން އިތުރު އަމުރެއް ނެރެންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ލެގޫންސް ސްޕޯޓްސް ކްލަބުގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވެގެން އާ އިންތިޚާބަކަށް އިއުލާނުކޮށްފައިވަނިކޮށް، ކުރީގެ ހިންގާ ކޮމިޓީއަކީ ސައްހަ ކޮމިޓީއެއް ނޫން ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅައި، ވޭތުވެދިޔަ އަށް މަސްދުވަހު ކްލަބުގެ ހިންގުމަށް އެކި ގޮތްގޮތުން ދަތިކުރަން ބަޔަކު މަސައްކަތްކޮށްފައިވެއެވެ.  ކްލަބުގެ ބޯޑުން ނެރުނު ބަޔާނުގައިވާ ގޮތުން، މި މައްސަލައިގެ ފަހަތުގައިވަނީ  އަމިއްލަ މަންފާއެއް  ހޯދުމައް މަސައްކަތް ކުރަމުންދާ މީހަކާ އޭނަގެ އާއިލީ މީޙަކާ އާންމު މެންބަރެކެވެ. އަދި މި މައްސަލައިގެ އަސްލު މަގުސަދަކީ ކްލަބަށް ލިބޭ އާމްދަނީ އަމިއްލަ ޖީބަށް ވަންނަ ގޮތަށް ހިންގަމުންދިޔަ ޣައިރުގާނޫނީ އަމަލުތައް ހުއްޓުވުމުން، ކްލަބުގެ އަގުވައްޓާލައި ހިންގާ ކޮމިޓީއަށް ބިރުދެއްކުން ކަމަށް ބޯޑުން ފާހަގަކުރެ އެވެ.

މި މައްސަލައާ ގުޅިގެން ބައެއް ކަންކަން ކުރަން ޖެހުނު ގޮތުގެ ސަބަބުން އާންމު ބައެއް މެންބަރުންގެ ހިތްހަމަ ނުޖެހޭ ގޮތްގޮތައް މަސައްކަތް ކުރަބް ޖެހުމުން ދިމާވި ދަތިތަކަށްޓަކައި ލެގޫންސްގެ ބޯޑުން ވަނީ އާންމު މެންބަރުންގެ ކިބައިން ނިހާޔަތަށް މާފަށް އެދިފަ އެވެ. އަދި ކުލަބުގެ މެންބަރުންނަކީވެސް ކްލަބުގެ މުހިންމު ބައެއް ކަމަށާއި، މި މައްސަލައިގެ އަސްލު ނޭގި ކްލަބާ ދުރައްދެވިފަވާ ހުރިހާ ފަރާތްތައް އެކުވެރިކަމާއެކު ކްލަބުގެ ކުރިއެރުމަށް އެކީގައި މަސައްކަތް ކުރުމަށް ލެގޫންސްގެ ބޯޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް