ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް އަމާޒުކޮށްގެން ހޫޘީން ދިން ހަމަލާތަކުގައި ތިން މީހުން ވަނީ މަރުވެފައެވެ. ސައުދީ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން ބުނީ، ވެރިރަށް ރިޔާޟުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާގައި އެކަކު މަރުވެ، އަށް މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި އަބްހާ އެއާޕޯޓަށް ދިން ހަމަލާގައި ދެ މީހުން މަރުވެ، 28 މީހުން ޒަޚަމްވި ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
ދިވެހި ސަރުކާރުން ހާމަކުރި ގޮތުގައި، މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ ސިޔާދަތާއި އިސްތިގުލާލަށް އަރައިގަނެ ހިންގާފައިވާ ކަނޑައެޅިގެން ހިލާފު އަމަލެކެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސުލްހަމަސަލަސްކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރުން ވަނީ ތައުޒިޔާ ފޮނުވާފަ އެވެ. އަދި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިފައި ވެއެވެ.
މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ސައުދި އަރަބިއްޔާގެ ސަރުކާރާއި، އެ ޤައުމުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ތިބިކަމުގެ ޔަގީންކަން އަރުވާ ކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި އެ ގައުމުގެ ސިޔާދަތާއި އިސްތިގުލާލު ނަގަހައްޓައި، ސަރަހައްދުގައި ރައްކާތެރިކަމާއި ހަމަޖެހުން ޤާއިމުކުރުމަށް އެ ޤައުމުން އަޅުއްވާ ފިޔަވަޅުތަކަށް ރާއްޖެއިން ފުރިހަމައަށް ތާޢީދު ކުރައްވާނެ ކަމަށްވެސް ބުންޏެވެ.