އިންޑިއާގެ ޖާރްކަންޑްގައި ނަގާފައިވާ މި ވީޑިއޯއިން ފެންނަނީ، އެ ގައުމުގެ ސަގާފީ ހެދުމެއް ކަމަށްވާ ސާރީއެއްގައި ހުރެ، ވަރަށް ހިތްވަރާއެކު ދުވަމުންދާ މަންމައެކެވެ.
މި މަންމަ ވަނީ 1,600 މީޓަރުގެ ދުރުމިނަށް ހުސްފައިގައި ދުވެފައެވެ. ބިންގަނޑު ނުހަނު ހޫނުވެފައިވުމާއި، ޖިސްމާނީ ގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހުނު ނަމަވެސް، އޭނާ ވަނީ އެއްވެސް ވަރުބަލިކަމަކަށް ބެލުމެއްނެތި ދުވުން ކުރިއަށްގެންގޮސްފަ އެވެ. ސަރުކާރުގެ ވަޒީފާގެ ޝަރުތު ހަމަކުރުމަށްޓަކައި އޭނާ މި ދުރުމިން ކަޑައްތުކޮށްފައިވަނީ އެންމެ ހަ މިނެޓުގެ ތެރޭގަ އެވެ.
މި ހިތްވަރުގަދަ ދުވުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ވަޒީފާއެއް ކާމިޔާބުކޮށް، އޭނާގެ ދަރިންނަށް އިގްތިސާދީ ގޮތުން ރައްކާތެރި އަދި ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމެވެ. މީސްމީޑިއާގައި މި ވީޑިއޯ އާންމުވުމާ އެކު، ގިނަ ބަޔަކު ދަނީ އެ މަންމަގެ ހިތްވަރާއި، ދަރިންގެ ހައްގުގައި ވަމުންދާ ގުރުބާނީއަށް ސާބަސްދީ ތައުރީފުކުރަމުންނެވެ.
މި ވީޑިއޯއަކީ މަންމައެއްގެ ލޯތްބާއި، ދަރިންގެ މުސްތަގުބަލަށްޓަކައި ކޮންމެފަދަ ގުރުބާނީއެއްވެސް އަދާކުރުމަށް ތައްޔާރަށް ހުރިކަން ސާބިތުކޮށްދޭ އަސަރުގަދަ އިބުރަތްތެރި މަންޒަރެކެވެ.