ads
ދަރިފުޅު - 60 ވަނަ ބައި
އެޕިސޯޑް 60
Advertisement

ބީނިޝް، ބިލާލްގެ ގޮނޑި ކައިރި ކޮށްލާފައި އޭނާ ހަމަޖައްސައިލި އެވެ. ޖެހިގެން އިން ގޮނޑީގައި ބީނިޝް އިށީންދެފައި ބިލާލްގެ ބޮލުގައި ފިރުމާލި އެވެ. 

ޕޭން ކޭކާއި ސްޓްރޯބެރީ ސިރަޕް އަދި ނަޓެއްލާ ފުޅި ގެނެސް ކުދިންނަށް އަތް ފޯރާ ހިސާބުގައި ބައިންދައިލީމެވެ. ބަދިގެ ބަޔަށް އަހަރެން ޖެހިލީ ކޮށާފައި ހުރި މޭވާ ތައްޓާއި، ދެ ކުދިންގެ ކިރު ތަށި ބަލަ އެވެ. 

"ބައްޕާ...

..ޕައްޕާ"

ބީނިޝްގެ އަޑު ތެރެއިން ބިލާލްގެ އަޑު ގުގުމައިލި އެވެ. މާލިކް އަށް މިއަދު ގެއަށް ނާދެވޭނެކަމަށް ނޯޓްތަކުގައި ލިޔެފައި ހުއްޓެވެ. އެހެންވިއްޔާ ދެ ދަރިންނަށް މިވަނީ ކިހިނެއް ހެއްޔެވެ؟ 

ވެގެން އުޅޭގޮތެއް ބަލައިލާން އަތްމަތި އަވަސްކޮށްލީމެވެ. 

ދުވެފައި ކަހަލަ ގޮތަކަށް ނިކުތީމެވެ. 

ގޭތެރެއަށް ވަދެގެން އެ އަންނަނީ އަހަރެންގެ ލޯބިވާ ފިރިމީހާ އެވެ. 

އެންމެ ފެނިލުމަކުންވެސް ހިތުގެ ތެޅުމާއި މި ހަށިގަނޑުގެ ނާރުތަކުގައި ލޭހިނގުމުގެ އޮއެވަރު ބަދަލުކުރުމުގެ ބާރު މާލިކް ހޯދަނީ ކިހިނެއްބާ އެވެ؟

"ގުޑް މޯނިންގ މައި ލިޓްލް މަންޗްކިންސް" މާލިކްގެ ދެ އަތުގެ ތެރޭގައި ދެ ކުދިން ބޮނޑިކޮށްލައިފި އެވެ.  ބައްޕަގެ ކަނދުރާގައި ދެ ކުދިން ބައްދައިގަތެވެ. ލޯބި މަންޒަރެކެވެ. އަހަރެންގެ ފޯނުގައި 'ސޭވް'ކޮށްލީމެވެ. 

ހިނިތުންވަމުން އަހަރެން މިސްރާބުޖެހީ ބަދިގެއަށެވެ. ވީ އެންމެ އަވަހަކަށް މާލިކްއަށް ޓޯސްޓެއް ތައްޔާރުކޮށްލުމަށެވެ.

"އައި މިސް ޔޫ ބޭބީ"ފުރަގަހުން ބައްދައިލާފައި އަހަރެންގެ ކަންފަތް ދޮށުގައި ބުނެލި އެވެ.

"އޮފީސް މަސައްކަތްތައް ކިހިނެތް؟ ހީކުރީ މިއަދު އިރުއޮއްސުމުގެ ކުރިން ނުވެސް ފެންނާނެކަމަށް" އޯގާތެރިކަމާއެކު ސުވާލުކޮށްލީމެވެ.

"ހޫމްމމމ.. ފުލުފުލުގައި މީޓިންގތައް ހުރި ދުވަހެއް.. އެކަމަކު މި ގަޑީގައި އޮތް މީޓިންގ ކެންސަލްވީ.. އެންމެ މިނެޓެއްވެސް ބޭކާރު ނުކޮށް އަހަރެން މިއައީ ގެއަށް" 

މާލިކްގެ އަޑަށް ގެންނަ ބަދަލާއި އަޑުގައި އެކުލެވޭ އަސަރުތަކަށް އޭނާ އެ ގެންނަ ޖަޒުބާތީ ބަދަލުތައް ސިފަކުރާންވެސް ނޭގެ އެވެ. އަހަރެންގެ ކަނދުރާގައި ހުރި އެންމެ ހިމަ ލޯލިތަށްވެސް ކޮޅަށް ޖެހިއްޖެ އެވެ. އެކަން މާލިކްއަށް ފާހަގަވެސް ވެއްޖެ އެވެ. ލަދުން ހުރެ، އެއްފަރާތަކަށް ބޯ އަރިކޮށްލާފައި ބަލައިލީމެވެ. 

ދެވުނީ ދައުވަތެކެވެ. 

އަހަރެންގެ ތުންފަތަކީ މާލިކްގެ ކަރުހިންކުން ފިލުވައިދޭ އެންމެ މުހިއްމު ވަސީލަތްކަން ނޭގުނީ އަހަންނަށެވެ. ކުރަން ހުރި މަސައްކަތް އެއް ފަރާތްވީ އެވެ. 

މާލިކްގެ ހައްޔަރުން ސަލާމަތް ވެވުމުން ޓޯސްޓްވެސް ހެދޭނެ އެވެ.

"ހުސްކޮށް ލިބޭ މިކަހަލަ ވަގުތެއްގައި، ކައިރާ ދެކިލަން ނައިސް ކެތެއް ނުވާނެ.. އެވަރަށް މިސްވޭ!" ކުރިއަށް ވުރެން ބާރަށް ހަށިގަނޑުގައި ބައްދައިލި އެވެ. މާލިކް އެދޭ ފަދައިން އޭނާގެ ކޮންމެ ހަރަކާތަކަށް އަހަރެންވެސް އިޖާބަދިނީމެވެ.

"ކައިރާދެކެ އަހަރެން ލޯބިވާ މިންވަރު ހާމަކޮށްދެވޭނެ އަލްފާޒެއްވެސް އަދި އެފަދަ ހަރަކާތެއްވެސް މި ކާއިނާތުގައި ވުޖޫދުވެފައި ނެތް.. އަހަރުމެންގެ މި ލޯތްބާއި ކައިރާ އާއި ނުލައި މަސައްކަތުގެ ވަގުތުތަށް ހޭދަކުރަން އުނދަގޫވާ މިންވަރު ބުނެދެވޭނީ މިފަދަ ގޮތަކަށް.." އަހަރެން ދެކެވާ ލޯބި ހާމަކުރުމަށް މާލިކް އަބަދުވެސް އިސްކަންދޭނެ އެވެ. 

އަހަރުމެންގެ ލޯތްބާއި މި ދެމެދުގައި އޮންނަ އިތުބާރުގެ އަސްލަކީވެސް އެއީ އެވެ. މާލިކް އަކީ ލޯބި ބުނެދޭން ދަންނަ، ލޯބިކުރާން ފަރިތަ ބައިވެރިއެކެވެ.  މާލިކްގެ އިޝްގުގައި ހަމަހޭވެރިކަން ގެއްލި ދިއުމަކީ އަހަރެންގެ ނުކުޅެދުންތެރި ކަމެއް ނޫނެވެ. އަމިއްލަ އިހްތިޔާރުން ބޭރުން ހޭބުއްދި ފިލަނީ އެވެ. 

މިއީ އެފަދަ ވަގުތެކެވެ. މާލިކްއަކީ އިޝްގުގައި، ޖާދޫގަރެކެވެ. 

އަހަރެންގެ އެސްފިޔަތަކުގެ އިހްތިޔާރެއް ނެތެވެ. އޮކްސިޖަން ހުސްވިޔަ ނުދީ ނޭވާގެ ކޮޅަށްވެސް ހިތްވަރުކުރީމެވެ.

"ސްޓޮޕް ޑުއިން ދެޓް.."އަޑު ނިކުތީ ނުހަނު ފަނޑުކޮށެވެ. 

މާލިކްގެ އަތުގައި ހިފެހެއްޓީމެވެ. ދެމީހުންގެ އިނގިލިތަށް މަހައިލީމެވެ. ތަޅުއެޅުވޭނެ އެހެން ގޮތެއް މިވަގުތު ނެތީ އެވެ.

"ނުބުނައްޗޭ ބޭނުމެއް ނުވެޔޭ.. އަހަންނާއި އެއްވަރަށް ކައިރާވެސް ބޭނުންވޭ.. ބައެއް ފަހަރު އަހަންނަށް ވުރެންވެސް ބޮޑަށ..." މާލިކްގެ އަނގަމަތީގައި އަތް އެޅީމެވެ. ޖުމުލައިގެ ފަހު ބައި އަޑު އަހަން މިވަގުތު ލަދުވެތިވަމެވެ.

މާލިކްގެ އިޝްގުގައި މިވަގުތު ބޭގަރާރު ވެވޭކަށް ނެތެވެ. ކިތަންމެ އުނދަގުލަސް، މި އޮއެވަރު މައިތިރި ކުރަން ޖެހެ އެވެ. 

ދެ ދަރިން ތިބީ ހެނދުނުގެ ނާސްތާގައި އެވެ. އަހަރުމެން ދެމީހުން އެކުދިންނާއި ބައިވެރިވާން ޖެހޭނެ އެވެ.

"ބޭނުންވޭ.. ވަރަށް ބޮޑަށްވެސް ބޭނުންވޭ.. އެކަމަކު މިގަޑީގައި ދެ ދަރިން ތިބީ ވަރަށް ގާތުގައި.. އަހަރެންގެ 'މިއުޓް ބަޓަން' މަސައްކަތެއް ނުކުރާނެ..!" އެއް ލޯ މަރައިލަމުން އަހަރެން ބުނީމެވެ.

ލާނެއް ގޮތަކަށް ހީލާފައި މާލިކް އެއް ލޯ މަރައިލީ، މި ރެއަށް އަހަންނަށް ދައުވަތު ދެމުންނެވެ. 

މިއަދާއި ހަމައަށް ފާއިތުވި ކޮންމެ ދުވަހަކީ ނުވަތަ 'ކޮންމެ ރެއަކީ' އަހަރުމެންގެ ލޯބީގައި 'ފުރަތަމަ ފަހަރު' ފަދަ އެވެ. އަހަރެންގެ ބަނޑުގައި ފިޔަޖަހަމުންދާ ކޮކާތަކާއި މުޅި ގަޔާއި ކަނދުރާއިން ހިލުވައިލާ ހީބިއްސާއި މައިބަދައިން އުފެދޭ ވައިބްރޭޝަނަކީ އާންމު ފިރިހެނަކަށް ކުޅަދާނަ ކަމާއެކު ދެމެހެއްޓޭނެ އިހްސާސްތަކަކަށް ނުވާނެ އެވެ. 

މާލިކްގެ ކޮންމެ ބީހިލުމަކީ އަހަންނަށް އަރާމާއި ލައްޒަތު ގެނެސްދޭ ބާރެކެވެ. އެއީ ވަރުބަލިކަމެއް ނެތް ޖަޒްބާތު ތަކެކެވެ.

"މަންމާ.. ބައްޕަގެ އެވޮކާޑޯ އެންޑް އެގް ޓޯސްޓް ކޮބާ؟" އެއީ އަހަރެންގެ ދަރިފުޅުގެ އަޑެވެ. އެއީ ބީނިޝް އެވެ. 

މާލިކްގެ ޓޯސްޓް މޭޒުމައްޗަށް ނުލަނީސް ބީނިޝް ކާން ނުފަށާނެ އެވެ. ބީނިޝް ކާން ނުފަށަނީސް ބިލާލް ކާން ނުފަށާނެ އެވެ. އަލްހަމްދު ލިއްލާހި އެވެ. މިއީ ކޮންމެ ދުވަހެއްގެ އާދަ އެވެ. 

ކަޅުފޮއެ ރޭގަނޑެއްގެ ކަޅު އަނދިރިކަމުގެ ތެރެއިން ކުރިމަތިވި ބިރުވެރި ހާދިސާއެކެވެ. ނާންމާން އެ ވަގުތުގައި އަހަރެންގެ އަތްމައްޗަށް ލިބުނު މި ދަރިފުޅަކީ ނިއުމަތުން ފުރިގެންވީ ނަސީބެވެ. ބީނިޝްއަކީ އަހަރެންގެ ދޮށީ ދަރިފުޅެވެ. އަހަރެންގެ ދަރީންނަކީ މި ހިތުގެ ފިނިކަމެވެ. މާލިކްއަކީ ހިތުގެ ވިންދެވެ.

ދަރިންގެ ނިއުމަތް ދެއްވި ﷲތައާލާއަށް ހަމްދާއި ޝުކުރެވެ. މިއަޅާ އާއި މި އަޅާގެ މި ކުޑަކުޑަ އާއިލާ އަބަދަށްޓަކައި މިގޮތުގައި އުފަލުގައި ލައްވާށި އެވެ. ދުނިޔޭގެ ހުރިހައި އުފަލެއް މިއަޅާގެ ދެ ދަރިންނަށް މިންވަރު ކުރައްވާށި އެވެ. އާމީން!

-ނިމުނީ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް