ނޯތުވެސްޓަރން މެޑިސިންއިން ކުރިއަށްގެންދިޔަ ކްލިނިކަލް ޓްރަޔަލްގެ ނަތީޖާ އާންމުކޮށްފައިވަނީ "ޖާމާ ހެލްތު ފޯރަމް" މަޖައްލާގަ އެވެ.
މި ދިރާސާއިން ދައްކާގޮތުގައި ވިހެއުމަށްފަހު މައިންނަށް ސިއްހީ ކަންކަމުގައި އެހީތެރިވާނެ ހާއްސަ އެހީތެރިން ހަމަޖެއްސުމުން، ވިހެއުމަށްފަހު މައިންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެގެންދެއެވެ. އެގޮތުން، ވިހެއުމަށްފަހު ހަދަންޖެހޭ ސެކްއަޕްތަކަށް ދިއުމުގެ ނިސްބަތަށް ބަލާއިރު، ހާއްސަ އެހީތެރިން ތިބި މައިންގެ ތެރެއިން 96 އިންސައްތަ މައިން ވަނީ ސެކްއަޕްތައް ފުރިހަމަކޮށްފަ އެވެ. ނަމަވެސް، އެފަދަ އެހީތެރިން ނުތިބޭ މައިންގެ ތެރޭގައި މި ނިސްބަތް އުޅެނީ 80 އިންސައްތައިގަ އެވެ.
މީގެ އިތުރުން، ވިހެއުމަށްފަހު ދިމާވާ ޑިޕްރެޝަންގެ ހާލަތްތައް ދެނެގަތުމަށް ހަދާ ސްކްރީނިންގްތައް ހެދުމުގެ ނިސްބަތްވެސް، ހާއްސަ އެހީތެރިން ހަމަޖެއްސި މައިންގެ މެދުގައި މަތިވެފައިވާކަން މި ދިރާސާއިން ވަނީ ހާމަވެފަ އެވެ.
މި ކްލިނިކަލް ޓްރަޔަލްގެ ނަތީޖާއިން ސާބިތުވަނީ ވިހެއުމަށްފަހު މައިންގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށްޓަކައި އެހީތެރިންގެ ދައުރު ވަރަށް ބޮޑުކަމެވެ.