ads
ހުސައިން ޝިފާއު
109 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ ޝިފާއު ގޭބަންދަށް!
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި، 109 އަހަރަށް ޖަލަށް ލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ހުސެއިން ޝިފާއު ގޭބަންދަށް ބަދަލުކޮށްފި އެވެ.
Advertisement

ސައްހަ ނޫން ޓީޓީތަކެއް އެކި ފަރާތްތަކަށް ފޮނުވައިގެން 1.9 މިލިއަން ރުފިޔާގެ މުދާ ހޯދި މައްސަލާގައި ޝިފާއު 2023 ވަނަ އަހަރު ހައްޔަރުކޮށް، އޭނާގެ މައްޗަށް 23 ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއަކާއި މަނީ ލޯންޑްރިންގެ ހަތް ދައުވާއެކެވެ. 

އެ ދައުވާތައް ސާބިތުވެ 109 އަހަރަށް ޖަލަށް ލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިިދޔަ އަހަރު ޑިސެމްބަރު މަހު އެވެ. 

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޝިފާއު ގޭބަންދަށް ދޫކޮށްފައި ވަނީ ސިއްހީ ފަރުވާ ދިނުމަށް ކަމަށެވެ. އަދި ފުރަތަމަ އެއް މަސް ދުވަހަށް އޭނާ ދޫކޮށްފައި ހުރި ކަމަށާއި، ނަމަވެސް އެ މުއްދަތުގައި އޭނާގެ ހާލަތު ރަނގަޅު ނޫންނަމަ ގޭބަންދުގެ މުއްދަތު އިތުރުކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

"ޖަލުތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައި ހުންނާނެ ހާލަތްތަކެއް، ވަގުތީ ގޮތުން މީހަކު ގެއަށް ބަދަލުކުރެވިދާނެ ކަހަލަ. އޭގައި އެބަ ހިމެނޭ އޭނައަށް ޖަލުގައި އޮވެގެން ބޭސްފަރުވާ ނުކުރެވޭނެ ފަދަ ހާލަތްތަކާއި ނުވަތަ މެޑިކަލް ޕްރޮފެޝަނާއެއް ވިދާޅުވަނީ މިވެނި ކަމަކަށް މިވެނި މުއްދަތެއްގައި އެ ތަނަކަށް ގެންގޮސްގެން ފަރުވާ ދޭށޭ. ނުވަތަ އެ ފަރުވާއަކަށް އޭނާ އެކްސްޕޯސްކޮށްދޭށޭ. އަޅުގަނޑުމެންގެ ޖަލު ބަލަހައްޓާ ފަރާތްތަކަށް ޖަލުގައި އެ ފަރުވާ ނުދެވޭ ކަމަށްވާނަމަ، އެ ފަރުވާ ދެވޭ ގޮތަކަށް އެ މީހާ މޮނިޓާ ކުރެވޭހެން ދޫކޮށްފާނެ،" އިހުސާން ވިދާޅުވި އެވެ.

ޝިފާއުއަށް އިއްވި ޖަލު ހުކުމަކީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާތަނަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ. އެއީ މަނީ ލޯންޑްރިންގެ ދައުވާތަކުގައި 70 އަހަރުގެ ޖަލު ހުކުމަކާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާތަކުގައި 30 އަހަރުގެ ޖަލު ހުކުމަކާއި ސައްހަ ނޫން ލިޔުން ދިނުމުގެ ދައުވާތަކުގައި ނުވަ އަހަރުގެ ޖަލު ހުކުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް