ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައި އިއްޔެ ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފުތިތާހުކޮށްދެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީ އެވެ.
އެމްޓީސީސީ އިން ބުނީ، މިއީ ތައުލީމީ އަދި އަމަލީ ތަޖުރިބާގެ އިތުރުން ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން މަސައްކަތުގެ މާހައުލުގައި ހުނަރު ދަސްކޮށްދިނުމަށް އެކުލަވާލާފައިވާ ތިން މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ. މިއަހަރުގެ ޕްރޮގްރާމްގެ ދަށުން 14 ދާއިރާއަކުން 56 ބައިވެރިން ހޮވާފައިވެ އެވެ.
މި ހަފުލާގައި ވާހަކަދައްކަވަމުން މެނޭޖިން ޑިރެކްޓަރު ސައުދީ ވަނީ، މި މުހިންމު ފުރުސަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި، ކުންފުންޏާއި މުޖުތަމައުއަށް އަދި ގައުމަށް ބޭނުންތެރި ބަޔަކަށްވުމަށް ވަރުބަލިކަމެއް ނެތި މަސައްކަތްކުރުމަށް ބައިވެރިންނަށް އިލްތިމާސްކުރައްވައިފަ އެވެ.
މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާގެ އިތުރުން ފަންނީ އަދި ޕްރޮފެޝަނަލް ހުނަރުތައް ދަސްކޮށްދީ، މެންޓާޝިޕް ފޯރުކޮށްދޭނެއެވެ. އަދި ކަސްޓަމާ ސާވިސް، ފަޔާ ސޭފްޓީ އަދި ހޭލުންތެރިކުރުވުމުގެ ތަމްރީނުތަކާއި ކަމާ ގުޅޭ ފަންނީ ހާއްސަ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
އެމްޓީސީސީން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ މިފަދަ ފުރުސަތުތައް ދިވެހި ރައްޔިތުންނަށް ގިނަގިނައިން ފަހިކޮށްދީ، ވީހާވެސް ގިނަ ދިވެހި ޒުވާނުން ވަޒީފާގެ މައިދާނަށް ނެރުމެވެ.