މިއީ މި ފަހުގެ ތާރީހެއްގައި ސަރުކާރުގެ ވެރިންތަކަކާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޮޑެތި ވިޔަފާރިވެރިން އެއް މޭޒަކުން ފެނުނު ފުރަތަމަ ފަހަރެވެ.
އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އާއި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި ޓެކްސް ކޮމިޝަނާ ޖެނެރަލް ފާތިމަތު އަމީޒާ ބައިވެރިވެވަޑައިގެންނެވި އެވެ.
ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ސަން ސިޔާމް ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދާއި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާޕާސަން ހުސައިން އަފީފް (ޗަމްޕާ އަފީފް) ފާހަގަކޮށްލެވެ އެވެ.
ސަރުކާރުން ވަނީ ޓޫރިޒަމް ދާއިރާ ކަންބޮޑުވާ ގޮތަށް ދެ ކަމެއް މި ފަހުން ނިންމައިފަ އެވެ. އޭގެ ތެރޭގައި:
ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ %40 ބޭންކަށް މާރުކުރުން
އޭގެ ކުރިން އޮތީ %20 ނުވަތަ ފަތުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް
ރާއްޖޭގައި އޮފީހެއް ނުހަދާ ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓްހައުސްތައް ވިއްކާ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންސީތައް އަދި އޮންލައިން ބުކިން ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުން
ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެެލް އެެޖެންޓުން އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް ޓެކްސްއާ ބެހޭ ގާނޫނު މިދިޔަ މަހު ތަސްދީގު ކުރުމާ އެކު ޓޫރިޒަމް ދާއިރާ އާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ބޮޑެތި ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.
އެހެންވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ އެއަށް ބަދަލުތަކެއް ގެނައުމަށް ކަމަށް އަމީން ވިދާޅުވި އެވެ.