ފުލުހުން ބުނީ އެ އިދާރާގެ ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން މޮނިޓާ ކުރަމުންދާ ކަންތައްތަކުގެ ތެރެއިން، ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާކަން ވަނީ ފާހަގަކުރެވިފައިވާކަމަށެވެ.
އެހެންކަމުން، ސަރުކާރުގެ މުއައްސަސާތަކުންނާއި އާންމު ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ބުނީ އެގޮތަށް ފޮނުވާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ، ބަލާބެލުމަށް އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާފައި ހުންނަ ސައްހަ އީމެއިލްތަކެއްގެ ގޮތުގައި، އޮޅޭފަދަ ގޮތަކަށް ކަމަށެވެ. ހަމަލާދޭ ފަރާތްތަކުން މި އީމެއިލްތަކުގައި ހިމަނާފައި ހުންނަ ނުރައްކާތެރި ލިންކުތަކާއި ފައިލްތައް ފޮނުވާފައި ހުންނަނީ ރަސްމީ އިންވިޓޭޝަނެއް، ލިޔެކިޔުންތަކެއް ނުވަތަ ފައިލް-ޝެއަރިން ލިންކުތަކެއްގެ ގޮތުގައިކަމަށްވެސް ފުލުހުން ބުނެ އެވެ.
މި ހާދިސާތަކުގައި ބޭނުންކޮށްފައިވާ އުކުޅުތަކާއި ވަސީލަތްތަކަށް ބަލާއިރު، ސީސޮކުން ލަފާކުރާ ގޮތުގައި މިއީ ވަކި އަމާޒެއް ކަނޑައަޅައިގެން، ރޭވިގެން ކުރިއަށްގެންދާ ކެމްޕެއިނެއްގެ ބައެއްކަމަށް ބެލެވޭކަމަށް ފުލުހުން ބުނެ އެވެ.
މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ ސީސޮކުން ދަނީ މި ހަރަކާތްތައް ވަރަށް ގާތުން މޮނީޓަރ ކުރަމުންކަމަށް އެ އިދާރާއިން ބުނެ އެވެ. އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން، މި ހަމަލާތަކުން ރައްކާތެރިވުމަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށް، ނުރައްކާތެރި ވެބްސައިޓްތަކާއި ނެޓްވޯކްތައް ބްލޮކް ކުރުމަށް ފިޔަވަޅުތައް ދަނީ އަޅަމުންކަމަށާއި މި މައްސަލައިގެ ތަހުގީގު އަދި ޓެކްނިކަލް އެނަލިސިސް މިހާރުވެސް ދަނީ ކުރިއަށްކަމަށް ފުލުހުން ބުނެ އެވެ.
ސަމާލުކަން ދޭން ފުލުހުން އެދުނު ކަންކަން
މިފަދަ ހަމަލާތަކުން ދިފާއުވުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ އާންމުންގެ ސަމާލުކަމާއި ހޭލުންތެރިކަންކަމަށް ފުލުހުން ބުނެ އެވެ. ރައްކާތެރިކަމުގެ މިފަދަ ފިޔަވަޅުތަކަށް ސަމާލުވުމަކީ ސައިބަރ ހަމަލާތަކުން ދިފާއުވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުކަމަށާއި މިކަމާ ގުޅޭ ޓެކްނިކަލް އިތުރު ތަފުސީލު ސައިބާ ޕޯޓަލް އިން ލިބެންހުންނާކަމަށް ފުލުހުން ބުނެ އެވެ.