މި މައްސަލައިގައި ކާރު ޑްރައިވަރު ވަނީ ހަތަރު ދުވަހަށް ބަންދުކޮށްފަ އެވެ.
ރޭ ގާތްގަނޑަކަށް 8:48 ހާއިރު ހިނގި އެކްސިޑެންޓާ ގުޅޭ ގޮތުން ސުބަންގް ޖަޔާ ސިޓީގެ ޕޮލިސް ޗީފް، އެސިސްޓަންޓް ކޮމިޝަނަރު ވަން އަޒްލާން ވަން މާމަތު މީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި، އެކްސިޑެންޓް ހިނގީ ރައިޑް ޝެއަރިންގެ ދަށުން ޓެކްސީގެ ހިދުމަތްދޭ 37 އަހަރުގެ މެލޭޝިޔާ ފިރިހެނަކު ދުއްވި ޕެރޯޑުއާ އެޓީވާ ބްރޭންޑްގެ ކާރެއް އެހެން ކާރެއްގައި ޖެހިގެންނެވެ.
ޖެހުނު ބާރުމިނުގައި ކާރު ކަހައިގެން ގޮސް، މަގުގެ މެދުގައި ފުރޮޅުނެވެ. އެ ކާރުގައި ދަތުރުކުރީ ކޮލެޖެއްގައި ކިޔަވަމުންދާ 22 އަހަރުގެ ދެ ދިވެހި އަންހެން ދަރިވަރުންނެވެ. ކާރު ތެރޭގައި ތާށިވެ، ބޮޑެތި އަނިޔާތަކެއް ލިބިގެން ނިޔާވީ އައްޑޫ ހިތަދޫ، މާރިޝް، އާމިނާ އިމީލީ ނާޒިމް އެވެ.
މި އެކްސިޑެންޓްގައި އަނެއް ދަރިވަރަށް ކުދިކުދި އަނިޔާތަކެއްވި ނަމަވެސް، ސީރިއަސް އަނިޔާއެއް ނެތް ކަމަށް މެލޭޝިއާ މީޑިއާއިން ރިޕޯޓްކުރެ އެވެ.
މި އެކްސިޑެންޓު ހިނގީ ގްރެބް އެޕްލިކޭޝަން ބޭނުންކޮށްގެން ކާރެއްގައި ގެއަށް ދިޔަ މަގުމަތީގަ އެވެ.
މެލޭޝިއަކީ ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލުކުރުމަށް ގޮސް އުޅޭ ގައުމެކެވެ.