"މެޑިކަލް އެކްސްޕްރެސް" ގައި ޝާއިޢުކޮށްފައިވާ މި ކްލިނިކަލް އެނަލިސިސްއިން ދައްކާ ގޮތުގައި، ކާނާގައި ލޮނު މާ މަދުވުމުން ސިކުނޑިއަށް ކުރާ ނޭދެވޭ އަސަރަކީ މާ ގިނައިން ސޯޑިއަމް ބޭނުންކުރުމުން ކުރާ އަސަރާ އެއްވަރުގެ ނުރައްކާތެރި އަސަރެކެވެ.
މި ދިރާސާއާ ގުޅިގެން ސައިންސްވެރިން ފާހަގަކުރައްވާ ގޮތުގައި، ހަނދާންތައް ރައްކާތެރިކޮށް ފަސޭހައިން އިއާދަކުރުމުގެ ގާބިލުކަން ސިކުނޑީގައި ދެމެހެއްޓުމަށްޓަކައި އިލެކްޓްރޯލައިޓްސްގެ މިންވަރު ވަކި ހަމައެއްގައި ހިފެހެއްޓުން ނުހަނު މުހިންމެވެ. ކާނާގައި ސޯޑިއަމް ނުވަތަ ލޮނު އެކަށީގެންވާ މިންވަރަށް ނުހިމެނޭނަމަ، ސިކުނޑީގެ ވިސްނުމާއި ހަނދާން ބެހެއްޓުމުގެ ބާރަށް ބުރޫއަރަ އެވެ.
ސައިންސްވެރިން އިތުރަށް ބުނެފައިވަނީ، ސިކުނޑީގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި މާ ގިނައިން ލޮނު ބޭނުންކުރުމެކޭ އެއްފަދައިން، މާ މަދުން ލޮނު ބޭނުންކުރުމަކީވެސް އެއްވަރަކަށް ސިކުނޑީގެ މަސައްކަތްތަކަށް ގެއްލުންހުރި ކަމެއް ކަމަށެވެ. އެހެންކަމުން ހަނދާން ރައްކާތެރިކޮށް ބެހެއްޓުމަށްޓަކައި ސިކުނޑިއަށް ބޭނުންވާ އިލެކްޓްރޯލައިޓް ބެލެންސް ވަކި މިނެއްގައި ހިފެހެއްޓުން ކޮންމެހެން ބޭނުންތެރި އެވެ.