އެމަނިކިފާނު މިހެން ވިދަޅުވީ މިއަދު ފާހަގަކުރަމުންދާ ޓީޗަރުންގެ ދުވަގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ ދުނިޔެއަށް އަންނަ ބަދަލުތަކާ އެކު ކުރިއަރައިގެން ދިއުމަށް ކޮންމެ ކުއްޖަކަށް ވެސް އެހީތެރިވާ ބަޔަކީ ޓީޗަރުން ކަމަށެވެ. ޓީޗަރުންގެ އިލްމާއި ބުރަ މަސައްކަތުން ކުދިންގެ މުސްތަބަލު ބިނާކުރުމަށް ކުރާ މަސައްކަތްތަކާއި ޓީޗަރުން ވަމުން އަންނަ ގުރުބާނީ ފާހަގަކޮށް ރައީސް ވަނީ ޓީޗަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
ޓީޗަރުންގެ ދުޅަހެޔޮކަމާއި މަސައްކަތުގެ ވަގުތާއި ބުރަ ކުޑަކޮށް، އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދެއްވާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި އިންކްލޫސިވް އެޑިއުކޭޝަން ހަރުދަނާކުރުމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވުމަށް ޓީޗަރުންގެ ގާބިލުކަން އިތުރުކުރުން ފަދަ މަސައްކަތަކަށް އިސްކަންދީގެން މި ސަރުކާރުން އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޓީޗަރުންނަށް އެއްބާރުލުން ދިނުމަކީ ދަރިންނާއި ޤައުމު ކުރިއެރުވުމަށް އެޅޭ ބިންގާ ހަރުދަނާ ކުރެވޭނެ ކަމެއް ކަމުން ޓީޗަރުންގެ އަގުވަޒަން ކޮށް ތައުލީމީ ދާއިރާއަށް އިންވެސްޓްކޮށް، އެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރުމާ އެކު ޓީޗަރުންނަށް ކޮންމެ ކުއްޖެއްގެ ވެސް އެންމެ ފުރިހަމަ ގާބިލުކަން ނެރުމަށް އެހީތެރިވާ ބަޔަކަށް އެންމެން ވެސް ވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.