މިއަދު މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހަސަން އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ހިދުމަތް އަންނަ މަހުގެ މަހުގެ 13 ގެ ކުރިން އެ ކުންފުންޏަށް ބަދަލުކޮށް ނިންމާ ހިދުމަތް ދޭން ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ފެނަކައިން ދިން ހިދުމަތްތަކަށް ވުރެ ރަނގަޅަށް އެމްޑަބްލިއުއެސްސީން ހިދުމަތް ދޭނެކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ފެނަކައިގެ އެމްޑީ އަފީފް ވިދާޅުވީ ހިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް ދެ ކުންފުނި ގުޅިގެން ވަރަށް ބޮޑަށް ކުރަމުން އަންނަކަަމަށެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ދެބައި މީހުން ސައިޓްތަކަށް ޒިޔާރަތް ކުރުމާއި ސައިޓްތައް ބެލުމާއި ސާވޭ ކުރުންފަދަ ގިނަ ކަންކަން ކުރަމުން އަންނަކަމަށް އަފީފް ވިދާޅުވި އެވެ.
އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ފެނުހުގެ ހިދުމަތާއި އެމްޑަބްލިޔުއެސްސީން ހަވާލުމިވަނީ އެ ސިޓީތަކުން ފެނުގެ ހިދުމަތް ކެނޑި ސާފު ބޯފެން ނުލިބުމުގެ މައްސަލަތަކެެއް މީގެކުރިން ދިމާވެފައިވަނިކޮށެވެ.
ސަރުކާރު ކުންފުނިތަކުގެ ހަރަދު ކުޑަކޮށް ސައިޒް ކުޑަކުރަން ކުރާ މަސައްކަތުގެ ދަށުން ފެނަކަ އުވާލާ އެ ކުންފުނިން ކުރަމުން އައި މަސައްކަތް ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން ވަނީ ނިންމާފަ އެވެ.