އާއެނކެވެ. ވާހަކަ ދެއްކިދާނެ އެވެ. ޕޯޑިއަމް ފަޅާވެސް ލެވިދާނެ އެވެ. އުތުރު ކޮރެޔާ މީހުން އަތްޖަހާހެން އަތް ވެސް ޖެހިދާނެ އެވެ. ނަމަވެސް މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދޭ ފެންވަރެއް، "ސިޔާސަ" ސިޔާސީ ވެރިންގެ ކިބާގައި ނެތެވެ. އެހެންކަމުން މިނިވަން މުއައްސަސާތައް މިނިވަން ވާން ބޭނުންވަނީ ހިތުންނެވެ. ބަހާއި އަމަލަކުން ނޫނެވެ.
އެދޭ ރާއްޖެ ހަރަކާތުން މި ކިޔައިދެނީ ހިޔާނާތަށް ޖާގަ ނުލިބޭ ރައްޔިތުންނަށް ބާރު ލިބޭނެ ހިންގުމުގެ އާ އޮނގަޑެއްގެ ވާހަކަ އެވެ.
"އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގާނޫނު އަސާސީގައި ވަކިކޮށްފައިވާ ހުރިހާ ބާރުތަކެއް، ވެރި މީހާގެ ގަދަބާރުން ގާނޫނު އަސާސީ އާއި ހިލާފަށް، ވެރިމީހާގެ މުށުތެރެއަށް ޖަމާކޮށްގެން އުޅޭ އުޅުން ނިމުމަކަށް ގެނެވޭނެ އޮނިގަނޑެއްގެ ތެރެއިން މަޖިލީހާއި ރައިސުލްޖުމްހޫރިއްޔާގެ އަޅުވެތިކަމުން މިނިވަންވެގެން އެ މީހުންގެ ނުފޫޒުން އެއްކިބައިވެގެން މިނިވަން މުއައްސަސާ ހިންގޭނެ އޮނިގަނޑެއް ހޯދުމަށް ގާނޫނޫ އަސާސީ ބަދަލުކުރުމަށް ހުށައެޅުން ތަކެއް ހިމަނާ ކަރުދާހެއް ސިޔާސީންނާއި ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް ދޫކޮށްލައިފަ އެވެ.
"އެދޭ ރާއްޖޭ"ގެ އެއް ހުށަހެޅުން:
ސުޕްރިމް ކޯޓު ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލާއި ބަންޑާރަ ނައިބާއި އޮޑިޓަ ޖެނެރަލުގެ މަގާމަށް މީހުން އައްޔަނު ކުރުމުގައި މަދަނީ މުޖުތަމައުގެ ހުށަހެޅުންތަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީއަކުން އެއްބަސްވެ، ރައްޔިތުންގެ މަޖިލީހުގެ މަތިގޭގެ ރުހުން ދޭ މީހުންނާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރުހުން ލިބިގެން މަގާމަށް އައްޔަނު ކުރާ ގޮތަށް ކަނޑައަޅައި އަދި ވަކި ކުރުމުގައި ވެސް ފެންނަ ނުފެންނަ ވޯޓް ނަގާ ގޮތަށް ހަމަޖެއްސުމަށް
ނަތީޖާ:
ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ނުފޫޒުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލް އާއި ބަންޑާރަ ނައިބާއި އޮޑިޓަ ޖެނެރަލް މިނިވަންވެ، ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަވަރުވުން
ހިންގުމުގެ ނިޒާމު ހަރުދަނާވެ، ރައްޔިތުންގެ އަޑު އިވޭނެ ފަދަ މަގަކަށް ކަންކަން ތަރުތީބުވުމަކީ ރާއްޖެ ފަދަ ޑިމޮކްރެޓިކް މުޖުތަމައެއްގައި ބޭނުންތެރި ކަމެކެވެ. ދައުލަތާއި ރައްޔިތުންގެ ހައްގު ރައްކާތެރި ކުރުމަށްޓަކައި ވީހާ ވެސް ގިނަ ބަޔަކު ވޯޓުލައިގެން ވޯޓުގެ ޒަރީއާއިން ސުޕްރިމް ކޯޓުގެ ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލް އާއި ބަންޑާރަ ނައިބާއި އޮޑިޓަ ޖެނެރަލް އިންތިހާބު ކުރުމަކީ ގައުމު ހިންގުމާ ހަވާލުވާ މީހުން ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވުމުގައި މިނިވަން ކަމާއެކު މަސައްކަތް ކުރަން ޖާގަ ލިބޭނެ ކަމެކެވެ. އެކަމުގެ ސަބަބުން ޖަވާބުދާރީ ކުރުވުމުގެ އޮނިގަނޑު ވަރުގަދަވެ އުސޫލުތައް ހަރުދަނާވެގެންދާނެ އެވެ.
ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސަކީ ރައްޔިތުންގެ ބައިވެރިވުން އިންތިހާއަށް އިތުރުކުރުމެވެ. ވޯޓެއްގެ ތެރެއިން ވެރިން ހޮވުމުގެ ފުރުސަތު ލިބުމުން، ކޮންމެ ރައްޔިތަކަށްމެ ގައުމުގެ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު ލިބިގެންދެ އެވެ. އެއީ ފަނޑިޔާރުން ނުވަތަ ޕޮލިސް ކޮމިޝަނަރު ކަމަށް ވިއަސްމެ އެވެ. މީގެ ސަބަބުން، ރައްޔިތުންނަކީ ގައުމުގެ ބަސްކިޔާ ފަރާތްތަކެއް ކަމުގެ އިހުސާސް ކުރެވި، ދައުލަތުގެ ކަންކަމުގައި އެ ފަރާތްތަކުގެ ޝާމިލުވުން އިތުރުވެ އިންތިހާބީ ވެރިން ރައްޔިތުންގެ ފަޅިއަށް "އަރަން" މަޖުބޫރުވާނެ އެވެ.
ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރާ ފަދައިން މިނިވަން މުއައްސަސާތަކަށް ވެސް މީހުން އައްޔަނުކުރާއިރު ރައްޔިތުން ވޯޓުލައިގެން މީހުން އައްޔަނުކުރުމަކީ މުހިންމު އަދި އެހާމެ ބޭނުންތެރި ބަދަލަކަށްވާނެ ކަމަށެވެ.
ވެރިންނަކީ ރައްޔިތުންގެ ތެރެއިން އަންނަ ބަޔަކަށްވާއިރު، އެމީހުންގެ ޒިންމާއަކީ ރައްޔިތުންނަށް ހިދުމަތް ކުރުމެވެ. ރައްޔިތުންގެ ވޯޓުން ވެރިން ހޮވުމުން، ވެރިންނަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، ރައްޔިތުންނަށް ފިލައިގެން ނޫޅޭނެ ބަޔަކަށް ވާން މަޖުބޫރުވެ އެވެ. ސަބަބަކީ، ކުރިއަށް އޮތް ތަނުގައިވެސް އެ ފަރާތްތަކަށް ރައްޔިތުންގެ ކުރިމައްޗަށް ދާންޖެހޭނެކަން އެނގޭތީ އެވެ. މިއީ ވެރިން ޒިންމާދާރު ކުރުވުމަށް އޮތް އެންމެ ވަރުގަދަ ބާރެވެ.
ހަމައެހެންމެ، ވެރިކަމުގެ ނިޒާމު ގޯސް މަގަކުން ހިނގާނަމަ ނުވަތަ ވެރިން ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ނުކުރާނަމަ، އެ ވެރިން ބަދަލު ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިދޭންޖެހެ އެވެ. ވޯޓަކީ މި ފުރުސަތު ފަހިކޮށްދޭ މައިގަނޑު ޑިމޮކްރެޓިކް ވަސީލަތެވެ. އެހެންކަމުން ވަކި މުއްދަތަކުން މުއްދަތަކުން އިންތިހާބު ބާއްވަމުން އަންނަ ނަމަ، ރައްޔިތުން ހިތްހަމަނުޖެހޭ ވެރިން މަގާމުން ވަކިކޮށް، އާ ވިސްނުމަކާއެކު ގައުމު ނުވަތަ ނުވަތަ މުއައްސަސާ ކުރިއަށް ގެންދާނެ އާ ވެރިން ހޮވުމުގެ އިހުތިޔާރު ރައްޔިތުންނަށް ލިބިގެންދެ އެވެ.
ވޯޓަކީ ހަމައެކަނި ކަރުދާސްކޮޅެއްގައި ފާހަގަ ޖެހުމެއް ނޫނެވެ. އެއީ ގައުމުގެ ކުރިމަގާއި، ތަރައްގީއާއި، އަދި އިސްލާމީ އުސޫލުތަކުގެ މަތީގައި ގައުމު ހިންގުމަށް ދެވޭ ވަރުގަދަ އަމާނާތެކެވެ. ވެރިންނަކީ ރައްޔިތުންގެ ހާދިމުންކަން ކަށަވަރުކުރުމަށްޓަކައި، ގިނަ ރައްޔިތުންގެ ވޯޓުން ގިނަ ވެރިން އިންތިހާބު ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ
ޝަރުއީ ދާއިރާ އާއި ފުލުހުންގެ އިދާރާގެ މިނިވަންކަން ކަށަވަރުވުމަކީ އެ ދާއިރާއަށް ރައްޔިތުންގެ އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ. ކޯޓުތަކާއި ފުލުސް އޮފީހަކީ ހަމައެކަނި ވަކި ބަޔަކަށް އިންސާފު ހޯދައިދޭ ތަންތަނުގެ ބަދަލުގައި، އާންމު ރައްޔިތު މީހާއަށްވެސް ހަމަހަމަކަމާއެކު އިންސާފު ލިބޭނެ ތަންތަންކަމުގެ ޔަގީންކަން އޮންނަންޖެހެ އެވެ.
މީގެ އިތުރުން، މުއައްސަސާތަކުގެ ހިންގުން ހަރުދަނާވެ، ސިޔާސީ ނުފޫޒުން މިންޖުވުމަކީ ގައުމުގެ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ފުލުހުންގެ ހިދުމަތާއި ކޯޓުތަކުގެ މަސައްކަތްތަކަށް ސިޔާސީ ފަރާތްތަކުން އަތްބޭނުމުގެ ފުރުސަތު ހަނިވެ، އެ މުއައްސަސާތަކަކީ ހަމައެކަނި ރައްޔިތުންނަށް ޖަވާބުދާރީވާ ތަންތަނަށް ހެދުމުން، މަސައްކަތުގެ ފެންވަރު ރަނގަޅުވެގެންދާނެ އެވެ. ސިޔާސީ ޕާޓީތަކުންނާއި މަޖިލީހުން އެއްބަސްވާ، ގާބިލު އަދި ތައުލީމީ ބަޔަކު މުއައްސަސާތަކުގެ އިސްމަގާމުތަކުގައި ތިބުމަކީ، ވަކި ފަރާތަކަށް ނުޖެހި ގައުމީ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރުމަށް މަގުފަހިވާނެ ކަމެކެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ތަސައްވުރު ކޮށްދީފައިވަނީ ހުރިހާ ބާރުތަކެއްގެ އަސްލަކީ ރައްޔިތުން ކަމެވެ. އެހެންކަމުން، ރައްޔިތުންގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަކީ ދައުލަތުގެ އެންމެ އިސް ވާޖިބެވެ. ސިޔާސީ މީހުންގެ ނާޖާއިޒު ނުފޫޒުން ކޯޓުތަކާއި ފުލުހުންގެ މުއައްސަސާ މިނިވަންކޮށް ސީދާ ރައްޔިތުންގެ ބާރުވެރިކަން އޮންނަ ގޮތަށް ބަދަލު ކުރުމަކީ، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތައް ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.