ސައިންސްވެރިންގެ ބައިނަލްއަގުވާމީ ޖާނަލެއް ކަމަށްވާ "ޖާނަލް އޮފް އެތޮލޮޖީ" ގައި ޝާއިއުކޮށްފައިވާ މި ހޯދުމުން ހާމަވި ގޮތުގައި، އެންމަޑިއަކީ ޑޮލްފިނާއި ޗިމްޕަންޒީ ފަދަ ވިސްނުންތޫނު ޖަނަވާރުންގެ ސަފުގައި ގުނާލެވޭ ފަދަ މަތީ ސިކުނޑިއެއް ލިބިފައިވާ އާދަޔާ ހިލާފު މަހެކެވެ.
ޖަނަވާރުންގެ ސިކުނޑީގެ ހޭލުންތެރިކަން ވަޒަންކުރުމަށް ސައިންސްވެރިން ބޭނުންކުރާ ހާއްސަ ޓެސްޓެއް ކަމަށްވާ "މިރާ ސެލްފް-ރިކޮގްނިޝަން" ޓެސްޓު ކުރުމަށްޓަކައި، ފެނުއަޑީގައި ބޮޑު ލޯގަނޑެއް ބަހައްޓައިގެން ކުރި ތަހުލީލުތަކުން ފެނުނީ ހައިރާންކުރުވަނިވި ނަތީޖާތަކެކެވެ. އާންމު ގޮތެއްގައި މަސްމަހާމެހި ލޯގަނޑެއް ފެނުމުން ހީކުރަނީ އެއީ ހަމަލާދޭން އުޅޭ އެހެން މަހެއް ކަމަށެވެ. އެހެންކަމުން ލޯގަނޑަށް ހަމަލާދިނުމާއި ފިލަން ދުވުމަކީ މަހުގެ އާދަ ނަމަވެސް، އެންމަޑި ލޯގަނޑާ ދިމާލަށް އެއްވެސް ރުޅިވެރިކަމެއް ނުދައްކައެވެ.
އޭގެ ބަދަލުގައި އެންމަޑި ވަނީ ލޯގަނޑުގެ ކުރިމައްޗަށް އައިސް އަރިމައްޗަށް އެނބުރި، އޭގެ ބަނޑުދަށުގައި ހުންނަ ކަޅު ލައްތައް ލޯގަނޑަށް ދައްކައިގެން ތަކުރާރުކޮށް ދަތުރުކޮށްފަ އެވެ. އަދި އާދަޔާ ހިލާފަށް އޭގެ ފިޔަގަނޑުތައް ތަޅުވައި، ލޯގަނޑުގެ ކުރިމަތީގައި ތަފާތު ހަރަކާތްތައް ދައްކައިގެން އަމިއްލަ ހަށިގަނޑު ޗެކްކުރިކަން ސައިންސްވެރިން ވަނީ ކަށަވަރުކޮށްފަ އެވެ. ސައިންސްވެރިން ފާހަގަކުރާ ގޮތުގައި އެންމަޑިއަކީ މުޅި ދުނިޔޭގައިވާ ހުރިހާ މަހުގެ ބާވަތްތަކުގެ ތެރެއިން ހަށިގަނޑުގެ ނިސްބަތުން އެންމެ ބޮޑު ސިކުނޑި އޮންނަ ދިރުމެވެ.
މި ހޯދުމަކީ ދިވެހިރާއްޖެއާ ވެސް ނުހަނު ގާތް ގުޅުމެއް އޮތް މުހިންމު ކަމެކެވެ. މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން އެންމަޑި އެއްވާ ބ. ހަނިފަރު ބޭ ހިމެނޭހެން، ރާއްޖޭގެ ކަނޑުތަކަކީ އެންމަޑީގެ ދިރާސާތަކުގެ ދުނިޔޭގެ މައި މަރުކަޒެކެވެ. ރާއްޖޭގެ ކަނޑުއަޑީގައި މަޑިތަކާއެކު ޑައިވްކުރާ މީހުން ފާހަގަކުރާ ގޮތުގައި، ގަވާއިދުން ފެންނަ ޑައިވަރުން އެންމަޑިތަކަށް ވަކިކުރަން އެނގުމުގެ އިތުރުން، އިންސާނުންނާ މެދު ބިރުވެރިކަމެއް ނެތި ގާތުގައި ހަމަޖެހިލައިގެން ފަތާލުމުގެ ބުއްދި އެ ދިރުންތަކުގައި ހުރެ އެވެ.
އެހެންކަމުން އެންމަޑިއަކީ ހަމައެކަނި ފަތުރުވެރިކަމަށް އާމްދަނީ ހޯދައިދޭ ވަސީލަތެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، މިއީ އަމިއްލަ ސިފަ ދެނެގަތުމުގެ މަތީ ގާބިލުކަން ލިބިފައިވާ ހާއްސަ ދިރުމެއް ކަމަށް މާހިރުން ބުނެ އެވެ. އަދި މިފަދަ ސައިންޓިފިކް ހޯދުންތަކާއެކު، އެންމަޑިތަކަށް އެއްވެސް ގެއްލުމެއް ނުވާނެހެން ރާއްޖޭގެ ކަނޑުގެ ވެށި ހިމާޔަތްކުރުމަށް ދިވެހިން ކުރާ މަސައްކަތްތައް އިހުނަށް ވުރެ ހަރުދަނާކުރަން ޖެހިފައިވާކަން ވެސް ތަޖުރިބާކާރުން ފާހަގަކުރެ އެވެ.