ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރުގެ މައުރަޒެއް ޗައިނާގައި ބޭއްވުމަށް ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު މިހާރު ޗާއިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ނެވެ.
ޗައިނާގެ ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްއާ ދެމެދު އެކުލަވާލި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ހީނާ ވަލީދު އެވެ. ޗައިނާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްގެ ޑިރެކްޓަރު ވަންގް ލޮންގް އެވެ.
އެ އެއްބަސްވުމުގެ ދަށުން އަންނަ އަހަރުގެ ކުރީކޮޅު ރާއްޖޭގެ ހާއްސަ އެގްޒިބިޝަނެއް ޗައިނާގެ ސިޓީތަކުގެ މިއުޒިއަމްތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި އެއްބަސްވުމުގެ ދަށުން، "އޭންޝަންޓް ޗައިނީޒް ޝިޕްބިލްޑިންގ އެންޑް ނެވިގޭޝަން ޓެކްނޮލޮޖީ: ދަ މެރިޓައިމް ސިލްކް ރޯޑް ކަނެކްޓިންގ ޗައިނާ އެންޑް ދަ މޯލްޑިވްސް" ގެ ނަމުގައި ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްގެ މައުރަޒެއް ރާއްޖޭގައިވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައިކަމަށް ހެރިޓޭޖް މިނިސްޓްތީން ބުނެއެވެ.