ads
ރައީސް މުއިއްޒު ޗައިނާގެ ސަފީރާ ސަލާމް ކުރައްވަނީ - ފޮޓޯ/ ރައީސް އޮފީސް
ޗައިނާއާއި ދެމެދު އޮތީ ގާތް އެކުވެރިކަމެއް: ރައީސް
ޗައިނާ އާއި ރާއްޖެ ޖިއޮގްރަފީ ގޮތުން ކިންމެ ދުރުގައި އޮތަސް، ދެ ގައުމުގެ ދެމެދު އޮތް އެކުވެރިކަމަށް އެއީ ހުރަހެއް ނޫން ކަމަށާއި ދެ ގައުމުގެ ދެމެދު އޮތީ ގާތް ގުޅުމެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ހަފްލާގައި ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުމާއި، ރާއްޖޭގެ ތަރައްގީގައި ޗައިނާގެ ހިއްސާއަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.

"ދިވެހި ރައްޔިތުންނަށް، ޗައިނާއާ އެކު އޮތް މި އެކުވެރިކަމަކީ ހަމައެކަނި ޑިޕްލޮމެޓިކް ބަޔާންތަކެއްގައި އޮންނަ ކަމެއް ނޫން. އެއީ ފެންނަން އޮތް، އަތުން ހިފޭ، އަދި ރައްޔިތުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބްރިޖަކީ ހަމައެކަނި ދަގަނޑާއި ސިމެންތިން ހަދާ އެއްޗެއް ނޫން ކަމަށާއި، އެއީ މީހުންނާއި، މުޖުތަމައުތައް އަދި ގައުމުތައް ގުޅުވައިދޭ ވަސީލަތެއް ކަމަށެވެ. އަދި ރާއްޖެއާއި ޗައިނާގެ ގުޅުންވެސް އެފަދަ ގޮތަކަށް ކުރިއަށްދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެދެނީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ވުމަށް ކުރާ ދަތުރުގައި، ރާއްޖެ-ޗައިނާގެ ގުޅުމަކީ ފުރުސަތުތަކާއި ތަނަވަސްކަމަށް ވާސިލުކޮށްދޭ ފާލަމެއްގެ ގޮތުގައި ދެމިއޮތުން،" ރައީސް ވިދާޅުވި އެވެ.

ދެ ގައުމުގެ ގުޅުމުގެ އެންމެ ބޮޑު ރަމްޒެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާގެ އެހީ އަދި ދައުލަތުން ވެސް ހަރަދުކޮށްގެން ބިނާ ކުރި މާލެ އާއި ހުޅުމާލެ ގުޅުވައިދޭ 'ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަ'ށެވެ.

"ގުޅުން ވަރަދުގަދަކަން މިނެކިރޭނީ ހަމައެކަނި ސޮއިކުރެވޭ އެއްބަސްވުންތަކުން ނޫން، އެ އެއްބަސްވުންތަކުން ހާސިލްލުކުރެވޭ ނަތީޖާއަށް ވެސް ބަލައިގެން. ޗައިނާއާ އެކު އޮތް އެކުވެރިކަން ވަރަށް ސާފުކޮށް ލޮލަށް ފެންނަން އެބައޮތް. އެކަން އަޅުގަނޑުމެންނަށް ޗައިނާ-މާލްޑިވްސް ފްރެންޑްޝިޕް ބްރިޖުން ފެނިގެންދޭ،" ރައީސް ވިދާޅުވި އެވެ.

އެ ބްރިޖަކީ ޒަމާނީ މާލެއެއްގެ އާދަޔާހިލާފު ރަމްޒެއްގެ ގޮތުގައި، ޔާމީންގެ ސަރުކާރުގައި އެ މަޝްރޫއު ހިންގިއިރު އެ ސަރުކާރުގެ ހައުސިން މިނިސްޓަރަކަށް ހުންނެވި ރައީސް މުއިއްޒު ސިފަ ކުރެއްވި އެވެ.

މީގެއިތުރުން، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަދި މޫސުމީ ގޮންޖެހުންތަކާ އެއްވެސް ގައުމަކަށް އެކަނި ކުރިމަތިނުލެވޭނެ ކަމަށާއި، ބައިބައިވުމުގެ ބަދަލުގައި ވާހަކަދެއްކުމާއި އެއްބާރުލުން އިސްކުރަންޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ތަރައްގީގެ މުހިންމު ދަނޑިވަޅުތަކުގައި ޗައިނާއިން ދެމުންދާ އެއްބާރުލުމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

އަދި ރާއްޖެއިން "ވަން ޗައިނާ ޕްރިންސިޕަލް" އަށް ސާބިތުކަމާއެކު ތާއީދުކުރާކަން ތަކުރާރު ކުރައްވަމުން، ދެ ގައުމުގެ މެދުގައިވާ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭން އުންމީދުކުރާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް