ads
ފޯނުކޯލެއްގައި ހުރި މީހެއް
އާއިލާ މީހުންގެ އަޑު ވަގަށް ނަގައިގެން ފައިސާ ފޭރޭ މައްސަލަތަކެއް
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އާއިލާގެ މެމްބަރުންގެ އަޑު ކޮޕީކޮށް، އެކްސިޑެންޓެއް ވެގެން ނުވަތަ ހައްޔަރުވެގެން ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ފޭރޭ ނުރައްކާތެރި ސްކޭމެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާދާއިރާއެއްގައި ހިންގަން ފަށައިފި އެވެ.
Advertisement

ފޯނުން ވާހަކަދައްކާއިރު އަސްލު އާއިލާ މީހާގެ އަޑާ އެއްވެސް ތަފާތެއް ނެތް ގޮތަށް އަޑު ބަދަލުކޮށްގެން ހިންގާ މި މަކަރުވެރި އަމަލުތަކާ ގުޅިގެން، އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އަދި އެފްބީއައި އިން ވަނީ އާންމުން ސަމާލުވުމަށް އެދި ކުއްލި އިންޒާރެއް ނެރެފަ އެވެ.

މި ސްކޭމް ހިންގާ ފަރާތްތަކުން މީހުންގެ އަޑު ވަގަށް ނެގުމަށްޓަކައި ބޭނުންކުރަނީ ފޭސްބުކް، ޓިކްޓޮކް އަދި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި އާންމުކޮށް ހުޅުވާލާފައި ހުންނަ ވީޑިއޯތަކާއި އޯޑިއޯތަކެވެ. އެންމެ ތިން ސިކުންތުގެ ކުރު ކްލިޕެއް ބޭނުންކޮށްގެން ވެސް، މިހާރު ލިބެން ހުންނަ ޒަމާނީ އޭއައި ސޮފްޓްވެއާތަކުގެ އެހީގައި އެ މީހަކު ދުވަހަކުވެސް ނުބުނާ ވާހަކަތައް، ހަމަ އެ މީހާގެ އަޑުގައި ރޮމުންނާއި ހާސްވެފައި ހުރެ ބުނާ ގޮތަށް ފުރިހަމައަށް އުފައްދައިދެ އެވެ.

ރާއްޖޭގައި ވެސް އޮންލައިންކޮށް ފައިސާ ފޭރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު، މިއީ ދިވެހިން ނުހަނު ބޮޑަށް ސަމާލުވާންޖެހޭ ކަމެކެވެ. ހާއްސަކޮށް މެލޭޝިއާ، ސްރީލަންކާ އަދި އިންޑިއާ ފަދަ ގައުމުތަކުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާއިރު، އެ ކުދިންގެ ނަމުގައި ރާއްޖޭގައި ތިބޭ އާއިލާތަކަށް ގުޅައި ބިރުދައްކައިގެން ފައިސާ ހޯދުމުގެ ފުރުސަތު އޮތުމުން މިފަދަ ކަންކަމަށް ހޭލުންތެރިވުން މުހިންމެވެ.

މިފަދަ ކޯލެއް ލިބިއްޖެނަމަ، ހާސްނުވެ ވަގުތުން ފޯނު ކަނޑާލުމަށްފަހު، އެ ގުޅި މީހެއްގެ އަސްލު ފޯނު ނަންބަރަށް އަލުން ގުޅައިގެން ހަގީގަތް ކަށަވަރުކުރުމަށް ސެކިއުރިޓީ މާހިރުން އިރުޝާދު ދެއެވެ. އަދި އާއިލާގެ މެމްބަރުންގެ މެދުގައި އެކަނި އެނގޭނެ ހާއްސަ "ސިއްރު ކޯޑެއް" ކަނޑައަޅައި، މިފަދަ ކުއްލި ހާލަތްތަކުގައި އެ ކޯޑު ބޭނުންކޮށްގެން ހަގީގީ މީހާ ދެނެގަތުމަކީ އޭއައި ޓެކްނޮލޮޖީއަށް އޮޅުވާނުލެވޭނެ އެންމެ ރައްކާތެރި ގޮތް ކަމަށް ވެސް މާހިރުން ވިދާޅުވެ އެވެ.

ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ މި ދުވަސްވަރު، ފޯނުން އިވޭ އަޑަކީ ކޮންމެހެން އަސްލު މީހާގެ އަޑު ކަމުގައި ނުބަލައި، އެއްވެސް ފަރާތަކަށް ވިސްނާލުމެއް ނެތި އަވަސްއަރުވާލައިގެން ފައިސާ ޓްރާންސްފާ ނުކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް