އެމެރިކާގެ މަޝްހޫރު ކްލީވްލޭންޑް ކްލިނިކުން ހެދި މި ބޮޑު ދިރާސާއިން ހާމަވި ގޮތުގައި، ހަކުރުގެ ބަދަލުގައި ފުޅާދާއިރާއެއްގައި ބޭނުންކުރާ މި އާޓިފިޝަލް ސްވީޓްނާއަކީ އާންމުންގެ ސިއްހަތަށް އޮތް ވަރަށް ބޮޑު ބިރެކެވެ.
މެޑިކަލް ޖާނަލްތަކުގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ސައިންސްވެރިން ބަޔާންކޮށްފައިވާ ގޮތުގައި، އެރިތުރިޓޯލް އެކުލެވޭ ކާބޯތަކެތި ބޭނުންކުރުމުން ލޭގެ ތެރޭގައިވާ ޕްލޭޓްލެޓްތައް އެކަތި އަނެކައްޗާ ތަތްވުމަށް މެދުވެރިވެ އެވެ. މީގެ ސަބަބުން ލޭހޮޅިތަކުގައި ގަނޑުލޭކޮޅުތައް އުފެދުމުގެ ފުރުސަތު އާދަޔާ ހިލާފަށް ބޮޑުވެ، ހިތަށާއި ސިކުނޑިއަށް ލޭ ދައުރުވުމަށް ހުރަސްއެޅި، ކުއްލި މަރުގެ ހާދިސާތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެ އެވެ.
ރާއްޖޭގައި ވެސް ހަކުރުބަލި ތަހައްމަލުކުރާ މީހުންނާއި، ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ޑައެޓް ކުރާ ގިނަ އަދަދެއްގެ މީހުން ހަކުރުގެ ބަދަލުގައި "ޝުގަ-ފްރީ" ގެ ނަމުގައި ވިއްކާ އެކި ބާވަތްތައް ގަނެ ބޭނުންކުރެއެވެ. މިފަދަ ހާލަތެއްގައި ކްލީވްލޭންޑް ކްލިނިކުގެ މި ދިރާސާއަކީ ދިވެހިން ވެސް ސިއްހަތާމެދު ދެވަނަ ވިސްނުމަކަށް ދާންޖެހޭ އަދި ސަމާލުވާންޖެހޭ ވަރަށް މުހިންމު ހޯދުމެކެވެ.
ސިއްހީ ދާއިރާގެ ޑޮކްޓަރުން އިލްތިމާސްކުރައްވަނީ ކާބޯތަކެތި ބައްލަވައިގަންނަވާއިރު އޭގެ ލޭބަލް ރަނގަޅަށް ވިދާޅުވުމަށެވެ. އަދި ލޭބަލްގައި ހިމެނޭ މާއްދާތައް ދެނެގަނެ، ކެމިކަލް ބޭނުންކޮށްގެން ފޮނިރަހަ ޖައްސާފައި ހުންނަ ސްވީޓްނާތަކުގެ ބަދަލުގައި ގުދުރަތީ ތާޒާ ކާނާއަށް އިސްކަންދިނުމަކީ ހިތުގެ ސިއްހަތު ރައްކާތެރިކުރުމަށް އެންމެ އެކަށީގެންވާ ގޮތް ކަމަށް ވެސް ޑޮކްޓަރުން ފާހަގަކުރައްވަ އެވެ.
އެހެންކަމުން ބަރުދަން ލުއިކުރުމުގެ ނިޔަތުގައި ނުވަތަ ހަކުރު ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި، ލޭ ގަނޑުވުމާއި ހާޓްއެޓޭކް ފަދަ ފުރާނައަށް ނުރައްކާވާ ހާލަތްތަކުން ސަލާމަތްވުމަށްޓަކައި މިފަދަ އުފެއްދުންތަކަށް ހޭލުންތެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
މައުލޫމާތު ނެގީ: ކްލީވްލޭންޑް ކްލިނިކް އަދި ނޭޗަރ މެޑިސިން ޖާނަލް