ރާއްޖެއަކީ ބިދޭސީ ޓީޗަރުން ގިނަ ގައުމެއް ކަމަށްވާއިރު، އޭގެ ތެރޭގައި އިންޑިއާއިން ގެންނަ ގިނަ އަދަދެއްގެ ޓީޗަރުން ހިމެނެ އެވެ. މި މައްސަލައަކީ މޭ 2024 ގައި ދ. އަތޮޅު މަދަރުސާގެ ވަޒީފާއާ ގުޅުނު އިންޑިއާ މުދައްރިސަކު، އެ އަހަރުގެ ސެޕްޓެންބަރު 12 ގައި އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުމުން ސީއެސްސީއާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ.
މުދައްރިސް ވަކިކުރަން ސިޓީ ދިނީ ފުރަތަމަ ޓާމުގެ އިމްތިޙާނު ބޭއްވުމުގެ ދެ ދުވަސް ކުރިންނެވެ. އެހެންކަމުން، އިމްތިޙާނުގެ ނަތީޖާ ލިބުމުގެ ކުރިން ހަމައެކަނި ޔުނިޓް ޓެސްޓަކަށް ބަލައި ފާސްވި ނިސްބަތް ދަށްކަމަށް ނިންމުމަކީ އަދުލުވެރި ގޮތެއް ނޫނެވެ.
ސްކޫލުން ތައްޔާރުކުރި "ލެސަން އޮބްޒަވޭޝަން ރިޕޯޓް" ތައް މުދައްރިސާ ހިއްސާކޮށްފައި ނުވާކަމާއި، ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް އެކަށީގެންވާ ފުރުސަތެއް ދީފައެއް ނުވެ އެވެ. ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭ ފަދަ ފާޅުކަންބޮޑު ގައިރު ސުލޫކީ އަމަލެއް ހިންގާފައި ނުވާ އަދި އިދާރީ ތަޙުޤީޤެއްވެސް ހިންގާފައެއް ނުވެ އެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު އިޝާރާ އަބްދުލްއަޒީޒް ނިންމެވީ، މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާތީ މިއީ "އަންފެއާ ޑިސްމިސަލް" ނުވަތަ ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރުމެއް ކަމަށެވެ. އެހެންކަމުން، އެ މުދައްރިސަށް ލިބެންޖެހޭ 82،529 ރުފިޔާ ދެއްކުމަށް ސީއެސްސީއަށް ވަނީ އަމުރުކޮށްފަ އެވެ.