ގިނަ ބަޔަކު މަރުވި ހަމަލާތަކުގައި 500 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. މަރުވި މީހުންގެ ތެރޭގައި އެހެން ގައުމުތަކުގެ 45 މީހަކު ވެސް ހިމެނޭއިރު ހަމަލާއަށް ފަހު ގައުމުގެ ޓޫރިޒަމް ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ.
ލަންކާގެ ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ހަމަލާ ހުއްޓުވުމުގައި ފެއިލްވެފައި ވުމުން، އޭރުގެ ރައީސް މައިތިރްޕަލާ ސިރިސޭނާ އާއި އިތުރު ހަތަރު އޮފިޝަލަކު 1 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކުރަން، މަދަނީ ދައުވާއަކާ ގުޅިގެން ހުކުމްކޮށްފަ އެވެ.
ތިން ފަނޑިޔާރުންގެ ބެންޗަކުން ނިންމެވި ގޮތުގައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން މީހުން މެރުމާއި ޓެރަރިޒަމްގެ އަމަލު ހިންގުމަށް ރޭވުމާ އަދި ހަތިޔާރާއި ގޮވާތަކެތި ގެންގުޅުމުގެ ކުށް އެ 14 މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. އިތުރު މީހެއްގެ މައްޗަށް ބައެއް ދައުވާ ސާބިތުވެފައިވާއިރު، އިތުރު 9 މީހުން ވަނީ ކުށް ސާބިތުނުވާ ކަމަށް ނިންމާފަ އެވެ.
ލަންކާގެ މީޑިއާތަކުން ބުނެފައިވަނީ ބައެއް މީހުންނަށް މަރުގެ ހުކުމް އިއްވާނެ ކަމަށެވެ. ނަމަވެސް 1976 ވަނަ އަހަރުން ފެށިގެން ލަންކާގައި މަރުގެ އަދަބު ތަންފީޒުކޮށްފައެއް ނުވެ އެވެ.
އީސްޓަ ބޮމުގެ ހަމަލާގެ ތަހުގީގު އާންމުންނަށް ސިއްރުކޮށްފައި ވާއިރު އދ. އިން ވެސް ވަނީ އޭގެ މުހިންމު ބައިތައް ހާމަކުރުމަށް ގޮވާލައިފަ އެވެ