ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމުކުރި ހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އިތުރު 13 މީހުންނަށް ހިމަބިހި ވަނީ ޖެހިފައެވެ. އެކަމަކު، އޭގެކުރީ ހަފުތާގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ، ފަހަކަށް ދަށްވެފަ އެވެ.
މިދިޔަ ހަފުތާގައި ޖެހުނު މީހުންނާއެކު، މިއަހަރުގެ މިހާތަނަށް މި ވަނީ، ހިމަބިހީގެ ކޭސްތައް 282އަށް އަރާފަ އެވެ.
އެ ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިންމިހާތަނަށް ވަނީ، 16،423 މީހުންނަށް ވެކްސިން ދީފަ އެވެ.
ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ގައިގައި ރަތް ބިހިތަކެއް ނެގުން ހިމެނެ އެވެ. މިފަަދަ އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި ފަރުވާ ހޯދުމަށް ދާއިރު މާސްކް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި އަދި ބަލީގެ އަލާމާތެއް ހުރި ނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެ އެޖެންސީން އިލްތިމާސްކޮށްފައިވެ އެވެ.