ކްރިމިނަލް ކޯޓުން މަޢުލޫމާތު ދިން ގޮތުގައި މާދަމާއަށް ތާވަލުކުރި އަޑުއެހުން ފަސްކުރީ ދައުލަތުގެ ފަރާތުން އެދިގެންނެވެ. ދައުލަތުން އެގޮތަށް އެދުނީ މި މައްސަލައިގައި ވަކާލާތު ކުރައްވާ ދައުލަތުގެ ވަކީލުން ޢާލާސްކަންފުޅާ އުޅުއްވާތީ ކަމަށް ކޯޓުން ބުނެފައިވެއެވެ.
ފުއްގިރި މުޢާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި އެކެއް މިލިއަން ޑޮލަރު ޤަބޫލުކުރައްވައި އެ ފައިސާ ލޯންޑަރ ކުރެއްވި ކަމަށް ބުނެ ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާގައި ހެކިބަސް ނެގުމުގެ މަރުޙަލާ ވަނީ ނިމިފަ އެވެ.
މިހާރު އޮތީ ހެއްކާބެހޭ ގޮތުން ދެފަރާތުން ވާހަކަދެއްކުމުގެ މަރުޙަލާ ކަމަށްވާއިރު، އެ ހިސާބުން މައްސަލަ މަޑުޖެހިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. މީގެ ކުރިން ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން ހެކިވެރިއަކު ވަނީ ފުއްގިރި ކުއްޔަށް ދީފައިވަނީ އެ ރަށަށް ހުށަހެޅުނު އަގަށްވުރެ ކުޑަ އަގެއްގައި ކަމަށް ބުނެފަ އެވެ.
މީގެއިތުރުން، ރައީސް ޔާމީނާ ދެކޮޅަށް ހުށަހެޅިފައިވާ ވ. އާރަށު މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފުތާއަށް ވަނީ ތާވަލުކޮށްފަ އެވެ. އާރަށު މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރިން ކުރި ހުކުމް ހައިކޯޓުން ވަނީ ބާތިލުކޮށް، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަންގާފަ އެވެ.
އާރަށު މައްސަލައިގައި ދައުލަތުން އަލުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާއިރު، ސުޕްރީމް ކޯޓުން އެ މައްސަލައިގައި ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި ޝަރީޢަތް ކުރިއަށް ދިއުން އޮތީ މެދުކަނޑާލާފަ އެވެ.