ބީއެމްއެލުން ބުނީ ފަތުރުވެރިކަމާއި ހޮސްޕިޓޭލިޓީގެ ސިނާއަތުގައި ހަރަކާތްތެރިވާ 40 އަށް ވުރެ ގިނަ ގައުމުގެ އިސް މަންދޫބުން ބައިވެރިވާ މި ޝަރަފުވެރި ހަފްލާ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ހަފުލާގައި ބައިވެރިވުމަކީ ބޭންކަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
މި ހަފްލާ އެންމެފަހުން ރާއްޖޭގައި ބާއްވާފައިވަނީ މީގެ 10 އަހަރު ކުރިންނެވެ.
މި ހަފްލާގައި ދުނިޔޭގެ މަޝްހޫރު ހޮޓާތަކާއި ރިސޯޓުތަކުގެ އިސްވެރިންނާއި ޓޫރިޒަމް ބޯޑުތަކާއި ސަރުކާރުތަކުގެ މަންދޫބުންގެ އިތުރުން، މި ދާއިރާގެ އިންވެސްޓަރުންނާއި އެއާލައިންތަކާއި އޭވިއޭޝަން ދާއިރާގެ އިސް ފަރާތްތަކާއި ބައިނަލްއަގުވާމީ ޓްރެވަލް މީޑިއާތަކުން ބައިވެރިވާނެ އެވެ.
ބީއެމްއެލް އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް، ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ބީއެމްއެލްއަށް ފަހިވެގެންދާނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.
އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، މި ސިނާއަތުގެ ވިޔަފާރިތަކާއި ހިއްސާދާރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލްއިން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ މުހިންމު ބައިވެރިވުމެއް ކަމަށް ބޭންކުން މައުލޫމާތުދެ އެވެ.