މި މައްސަލައަކީ 11 ޖުލައި 2023 ގައި އިންސްޓަގްރާމްގެ "މަދަދާ" ނަމަކަށް ކިޔާ އެކައުންޓެއްގެ ސްޓޯރީގައި 2,000 ރުފިޔާ އިންވެސްޓްކޮށްގެން ފައިދާ ލިބޭނެ ކަމަށް ޖެހި ޕޯސްޓަކާ ގުޅިގެން، އަންހެނަކު އެ ފައިސާ ޖަމާކުރި ހާދިސާއެކެވެ. އެ އަންހެން މީހާ ފައިސާ ޖަމާކުރީ އިންސްޓަގްރާމުން އެންގި ގޮތުގެ މަތިން އައްޑޫ މީހެއްގެ އެކައުންޓަށެވެ.
ދައުލަތުން ތުހުމަތުކުރީ އައްޑޫ މީހާގެ އެކައުންޓަށް ޖަމާވި ފައިސާ ދައުވާ ލިބޭ މީހާގެ އެކައުންޓަށް ބަދަލުވުމުން، އެއީ އޭނާގެ ފައިސާ ނޫންކަން އެނގިހުރެ ކަށަވަރުކުރުމެއްނެތި ބޭނުންކޮށްފައިވާ ކަމަށެވެ.
ދައުވާ ލިބޭ މީހާ ދައުވާއަށް އިންކާރުކުރަމުން އޭނާ ބުނީ އޭނާއަކީ ޑިޖިޓަލް ކަރަންސީ (ކްރިޕްޓޯ) ވިއްކައިގެން އާމްދަނީ ހޯދާ މީހެއް ކަމަށާއި، "މަދަދާ" އިންސްޓަގްރާމް އެކައުންޓާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
މި މައްސަލަ ބެއްލެވި ގާޟީ މުޒައްމިލު ނާޞިރު ކުރެއްވި ހުކުމުގައި، ކުށް ސާބިތުނުވާ ކަމަށް ނިންމެވި މުހިންމު ސަބަބުތަކަކީ އެކައުންޓާ ގުޅުން ސާބިތުނުވުމެވެ. "މަދަދާ" އިންސްޓަގްރާމް އެކައުންޓަކީ ދައުވާ ލިބޭ މީހާ ބޭނުންކުރި އެކައުންޓެއްކަން ނުވަތަ ސްކޭމްގައި ޖެހުނު އަންހެން މީހާއާ މުއާމަލާތްކުރީ އޭނާކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ހުކުމުގައި ވެއެވެ.