ނޭފަތުގައި ޖެހުނު ހިތްގައިމު ވަހުން އަހަރެންގެ ހިއްސުތަކަށް ލިބުނު އަރާމުގައި ދެ ލޯ މަރައިލެވުނެވެ. އެ ވަސް އައީ ގާތްވަމުންނެވެ.
ދެ ލޯ ހުޅުވައިލީމެވެ.
އަހަރެންގެ މޫނަށް ގުދުވެގެން އޮތީ ކައިރާ އެވެ.
ދުވަމުން ދިޔައީ އޭނާ ބޭނުންކޮށްފައިވާ ހިތްގައިމު ސެންޓުގެ ވަހެވެ.
އެއްލި އަތުން ކައިރާގެ އަތުގައި ހިފައި އަހަރެންގެ ގައިމައްޗަށް ވައްޓައިލީމެވެ. އެންމެ ހިނދުކޮޅެއްވެސް ނުދީ އަހަރެންގެ ބާރުގެ ދަށުގައި ހައްޔަރުކޮށްލީމެވެ.
ލިބެމުންދިޔަ އަރާމާއި މީރުކަމުގައި އަހަރެންގެ ހިތް ފުރީމެވެ. ލޯކުރިމަތީން ސިފަވަމުން ދިޔައީ ރޭގެ އެ ހިތްގައިމު މަންޒަރުތަކެވެ. މުޅި އުމުރަށް އެކުގައި ވުމަށް ވެވުނު ވައުދުތަކާއި އަހުދުތަކެވެ. ގުދުރަތުގެ ހިތްގައިމު މަންޒަރާއި ކުލަތަކެވެ.
"ލައިފް އިސް ގްރެއިޓް!" ވަރުބަލިކަމުގެ ތެރެއިން މާނޭވާ ލެވެމުންވެސް ކައިރާ ބުނެލި އެވެ. ފަރުވާތެރިކަމާއެކު ތުންފަތުގައި އަތް ހާކާލާފައި އަހަރެންގެ ތުންފަތް ފޮހެލި އެވެ.
"އެކަން ޔަގީން" އަހަރެންގެ އުނގުގައި ކައިރާ ހަމަޖައްސާލަމުން ޖަވާބު ދިނީމެވެ. އަދި ނުހަނު ގާތްކޮށްލަފައި ބައްދާލީމެވެ. ބޮލުގެ އިސްތަށިގަނޑުން ދުވަމުންދިޔަ ހިތްގައިމު ވަހުގެ ތާޒާކަމުން، އަހަރެންގެ ހިއްސުތަށް މަސްތުވަނީ އެވެ. ލިބެމުންދިޔަ އަރާމުގައި، ބޮލުގައި ކިސްކުރެވުނީ ކިތަށް ފަހަރުކަމެއް ނޭގެ އެވެ.
...................
(ކައިރާ)
މާލިކްގެ އަތުގެ ތެރޭގައި ހޭދަކުރެވުނު ކޮންމެ ސިކުންތެއް އަހަރެންގެ އެންމެ ހިތްގައިމު ހަނދާންތަކުގެ ތެރޭގައި ރައްކާކުރީމެވެ. މާލިކްދެކެވާ ލޯބި، ދުލުން ނުވަތަ އަހަރެންގެ އަމަލުތަކުން ބަޔާން ނުކުރެވޭނެ އެވެ.
މިވަރުގެ އަމާންކަމެއް ދުވަހަކުވެސް އިހްސާސް ނުކުރަމެވެ.
މިވަރު ރައްކާތެރިކަމެއްގެ ނަސީބު އަހަރެންގެ ހަޔާތުގައި ތަޖުރިބާވެސް ނުކުރަމެވެ.
މިނިވަންކަމާއެކު ލިބުނު ކޮންމެ ވަގުތެއްގައި ދެމީހުން ލޯބިކުރީމެވެ. ހިނދުކޮޅަކަށްވެސް ދުރަށް ޖެހިލާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ހަގީގަތަކީ ކައިވެނީގެ ގޮށުން ނުގުޅުނަސް، އަހަރުމެންނަކީ'އާއިލާ'އެކެވެ.
އަހަރެންގެ ޒިންމާތަކެއް އެބަހުއްޓެވެ.
އެކަންކަމަށް ވަގުތު ދިނުންވެސް ލާޒިމެވެ.
ގޭތެރެ އޮތް ގޮތް ހަނދާންވުމުން ދެ ފަރާތަށް ބޯ ހޫރުވާލެވުނެވެ.
ބީނިޝް ނަގަންވެސް ލަސް ވެއްޖެ އެވެ.
މަޑުމަޑުން މާލިކްގެ ކޮލުގައި ފިރުމާލީމެވެ.
"މިދަނީ ބީނިޝް ނަގަން.. ގޭތެރެވެސް ސާފުކޮށްލަންޖެހޭނެ.." ލޯތްބާއެކު އަހަރެން ބުނީމެވެ.
ނުހަނު ލޯބިގޮތަކަށް ދެ ލޮލުގެ ކަޅި އަނބުރާލާފައި ރޯލާކަހަލަ ގޮތެއް ދައްކައިލި އެވެ. އެއީ އަހަރެންގެ ހިނިތުންވުން ދެކިލުމަށް މާލިކް ކުރިކަމެއްކަން އޭނާ ބުނާކަށް ނުޖެހެ އެވެ. އެކަން އަހަންނަށް އެނގެ އެވެ.
ތެދުވުމަށް ހަރަކާތްކޮށްލި ވަގުތު އަހަރެންގެ އުނގަނޑުގައި ހިފަހައްޓާލުމުން، މާލިކްގެ މޫނަށް ބަލައިލީމެވެ.
ތުންފަތަށް އިޝާރާތްކޮށްލާފައި އެދުނީ އެ އަރާމު ހަމަ އެވަގުތު މާލިކް ބޭނުންވާ ކަމެވެ.
ފަހަތަކަށް ނުޖެހެމެވެ.
ފަހުރުވެރިކަމާއެކު މޫނު ކައިރިކޮށްލީމެވެ. ދެފަރާތުން މާލިކްގެ މޫނުގައި ހިފަހައްޓާލީމެވެ. ދެމީހުންގެ ނޭފަތުގެ ކުރި ކިރިޔާ ޖެހޭ ހިސާބަށް ކައިރިވެވުމާއެކު ދެ ނޭވާ އެކުވެއްޖެ އެވެ. އެއީ މަސްތީ އަރާމެކެވެ. ދެހިތެއްގެ އެދުމަށް ވަގުތުގެ ހުރަހެއް ނެތެވެ. އަހަރެންގެ އެސްފިޔަތަށް ލައްޕާލީމެވެ.
މާލިކްގެ ހިތް ފުރެންދެން ލޯބިކުރުމަށް ފުރުސަތު ދިނީމެވެ.
ނޭވާގެ ކޮޅަށް ދިއުމުން އޮކްސިޖަން ބަންދުވާހެން ހީވުމުން ދުރަށްޖެހިލި އެވެ. ނަމަވެސް މާލިކްގެ ދެ އަތުގެ ތެރޭގައި ނުހަނު ބާރަށް ބޮނޑިކޮށްލި އެވެ.
"ދެން އިންތިޒާރެއް ނުކުރެވޭނެ.." އަހަރެންގެ ކަންފަތު ފޫޅުގައި ތުންފަތް ބީއްސާލަމުން ބުނެލި އެވެ.
އޭނާ އެބުނި 'އިންތިޒާރު' މާނައެކުރީ ކޮންކަމަކަށްތޯ ނިންމާކަށް ނޭގުނެވެ.
ދެ ދުވަސް ތެރޭގައި ކޯޓުގައި ކައިވެނި ހަމަޖެހޭނެކަމަށް ރޭގައި މާލިކް ބުންޏެވެ. އެހެންވިއްޔާ އިންތިޒާރުގެ ވާހަކަ އެ ބުނީ ކޮން ކަމަކަށް ބާ އެވެ؟
"ކޮން ކަމަކަށް އިންތިޒާރ.." އަހަރެންގެ ޖުމުލަ ނުނިމެނީސް އިވުނީ މާލިކްގެ އަޑެވެ.
"ދެ ދުވަހަކީ ވަރަށް ވަގުތު.. މި އެނދު މަތީގައި އަހަރުމެން ދެމީހުން އެކަކު އަނެކެއްގެ..." މާލިކްގެ އަނގަމަތީގައި އަހަރެން އަތް އެޅީމެވެ.
އަހަރެންގެ ދެ ކޯތާފަތުން ހޫނު ނިކުންނާން ފަށައިފި އެވެ. އެއަޑު އިވުމާއެކު ހުވަފެނީ ދުނިޔެއަށް ދަތުރުފެށުނީ އެވެ. ލަދުން އަހަރެންގެ މޫނުގެ ކުލަ ބަދަލުވެއްޖެ އެވެ.
ތެދެކެވެ. ދެ ދުވަހަކީ ވަރަށް ވަގުތެވެ.
އެކަމަކު މިހައި ފާޅުކަން ބޮޑުކޮށް މާލިކް ސިފަކުރާ އަޑުއަހަން އަހަރެންގެ ކަންފަތް ތައްޔާރެއް ނޫނެވެ. އެވަގުތު ވަންނާނެ ހޮރެއް ފެނުނުނަމަވެސް އަހަރެންގެ މޫނު ފޮރުވަން ވަނީމުހެވެ.
މޫނުގައި ދެ އަތް އަޅާފައި އަހަރެން ދުއްވައިގަތީމެވެ. އަހަރެންގެ ހާލަށް ހެމުން ހެމުން މާލިކް ވަނީ ފެންވަރަށް ފާހާނާ އަށެވެ.
................
ސިޓިންފ ރޫމްތެރެއަށް ނިކުމެވުމާއެކު ނިއްކުރީގައި އަތް ތަތްކޮށްލެވުނެވެ. ހުރި ފިޔަވަޅު މަތީގައި ސާބިތުވުންވެސް ފަސޭހައެއް ނުވި އެވެ.
ސާފުކުރަން ފިހިގަނޑު ނަގާފައި ވިސްނާލީމެވެ. ތަނުގެ ހާލަތަށް ދެން ތިބި ތިން މީހުން ޒިންމާ ކުރުވާފައި ނޫނީ ސާފު ނުކުރަން ނިންމީމެވެ.
"ބޭބޭ!" ތަންކޮޅެއް ބާރަށް ބޭބެއަށް ގޮވައިލީމެވެ.
"އާހހހހހހ ގޯސްޓް ގޯސްޓް" އަޑުގެ ނެތްތަނަށް ބޭބެ ހަޅޭއްލަވައިގަތެވެ. ބީނިޝްގެ ދެފައި ކޮޅަށް ޖެހިގެން ދިއުމުން ފުންމައިގެން ތެދުވި އެވެ.
"ފަހަދު ޝަޓް އަޕް" ހަމަ އެވަގުތު ސަންދަލް ބުނެލި އެވެ.
"ގުޑް މޯނިންގ .. ސަލާމް.. ހެލޯ... ހާއި.. އޯހް... މިތާގަ ކީއް ތި ކުރަނީ..؟" ބޭބެގެ ދެ ލޮލުގައި ނިދި ނޫނީ ނެތެވެ.
"ގަޑި ބަލާބަލަ.. މިއީ ޖެހިގެން އައި ދުވަހުގެ މެންދުރުކުރި.. ގަޑިން ދިހަގަޑި ބައިވަނީ.." އުނގަނޑުގައި އަތް ވިއްދާލާފައި އަހަރެން ބުނީމެވެ.
"އޫޕްސް... ސުއްބޫހުން ގުއްދޫސުން... ބީނިޝް ބޭބީ ގާރލް އަވަހަށް ސައި ބޯން ހިނގާ.." ނިކަން އަވަސް އަރުވާލާފައި ބޭބެ ތެޅިގަތް ގޮތުން ހިނިވެސް އައެވެ.
"ޔޫ ބޭޑް ބޭޑް" ތުން ދަމާލާފައި ބީނިޝް ބުނެލި އެވެ. ނިންޖާ ހެދި ދެ ލޯ ރަގަޅަށް ނުވެސް ހުޅުވެ އެވެ.
"ބީނިޝް ބޭބީ" ބޭބެއާއި ދިމާއަށް އެފަދަ އެއްޗެއް ނުބުނުމަށް، އަހަރެންގެ ލޮލުން ބީނިޝްއަށް އިޝާރާތް ކުރީމެވެ. އެކަމަކު އަހަރެންގެ މަސައްކަތް ކާމިޔާބު ނުވާނެކަންވެސް އެނގެ އެވެ.
"މަންމާ ޓޭކް ދިޒް މިސްޓަރ އަވޭ، ހީ ނޯ ލެޓް މީ ސްލީޕް" ތުން ދަމާލާފައި ބޭބެގެ ޝަކުވާކޮށްލީ ވަރަށް ލޯބި ގޮތަކަށެވެ. ބޭބެއާއި ބީނިޝްގެ ހަނގުރާމައެކޭ ޓޮމް އެންޑް ޖެރީގެ ހަނގުރާމައެކޭ ކުޑަވެސް ތަފާތެއް ނޯންނާނެ އެވެ. މި ގޭތެރޭގެ އުފަލާއި ދިރުމަކީވެސް ބޭބެއާއި ބީނިޝްގެ ހަނގުރާމައާއި ޝައުގުވެރި އަރާރުންވުންތަކެވެ. (ނުނިމޭ)