ads
ސައުދީ އިއްތިހާދުގައި ރާއްޖޭން ބައިވެރިވާން ބޭއްވި ރަސްމިއްޔާތް: އެ އިއްތިހާދުގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ވަނީ ރުހުން ދީފައި - ފޮޓޯ/ޑިފެންސް މިިނިސްޓްރީ
ސައުދީގެ ކަނޑުގެ ދިފާއީ އިއްތިހާދުގައި ރާއްޖޭން ބައިވެރިވެއްޖެ
ބާބު އަލް މަންދަބާއި ރަތް ކަނޑުގެ އިތުރުން ގަލްފް އޮފް އަދާން (ޚަލީޖް އަދުން) އިން ދަތުރުކުރުމުގެ މިނިވަންކަން ރައްކާތެރިކުރުމަށް، ސައުދީ އަރަބިއްޔާއާއި އިތުރު 13 ގައުމެއް ގުޅިގެން އުފެއްދި ކަނޑުގެ އަސްކަރީ އިއްތިހާދުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ އެވެ.
Advertisement

އެ އިއްތިހާދުގައި ރާއްޖޭން ބައިވެރިވުމަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޯލިޝަންގެ ޗާޓަރުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ އެވެ. 

އެ އިއްތިހާދުގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. 

މި ރަސްމިއްޔާތުގައި، ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު، ހަސަން ރަޝީދާއި، ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަދި ސައޫދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވާފައިވާ ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްތާނީގެ އިތުރުން ހާރިޖީ ވުޒާރާއާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ސައުދީން އިސްވެ އިތުރު 13 ގައުމަކުން ގުޅިގެން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ނަމުގައި އުފެއްދި އިއްތިހާދުގެ ބޭނުމަކީ ބާބުލްމަންދަބު ކަނޑުއޮޅި އާއި ރަތްކަނޑު އަދި ގަލްފް އޮފް އަދަން ކަނޑުއޮޅީގައި ކަނޑު ދަތުރުފަތުރުގެ މިނިވަންކަމާއި ބައިނަލްއަގުވާމީ ވިޔަފާރި އާއި ހަކަތަ ފޯރުކޮށްދޭ މަގުތައް ރައްކާތެރި ކުރުމެވެ.

އެ އިއްތިހާދު އުފައްދާފައިވަނީ އީރާނުން ވާގިވެރިވާ ޔަމަނުގެ ހޫތީންގެ ޖަމާއަތުން މިދިޔަ ޖުލައި މަހު ސައުދީ އާ ދެކޮޅަށް ކަނޑުމަގުން ބްލޮކޭޑެއް އިއުލާނުކޮށް، އޭގެ ފަހުން ސައޫދީއާ ގުޅުންހުރި އުޅަނދުތަކަށް ހަމަލާތަކެއް ދޭން ފެށުމުން ރަތްކަނޑުގައި ވިޔަފާރި އުޅަނދުފަހަރަށް ހުރި ނުރައްކާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އޭގެ ރައްދުގައި ސައުދީން ވެސް ދަނީ ހޫތީންނަށް ހަމަލާތައް ދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;