މިއީ ޖަނަވާރުން އެއްޗެހީގެ ނަންތައް ދަސްކޮށް، ގުޅުވައި ދެނެގަންނަ މިންވަރު ދެނެގަތުމަށް ކުރިއަށް ގެންދިޔަ ހާއްސަ ދިރާސާއެކެވެ.
މަޝްހޫރު ޖާނަލެއް ކަމަށްވާ "ސައިންޓިފިކް ރިޕޯޓްސް" ގައި ޝާއިއުކޮށްފައިވާ މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ، ގޭގޭގައި އެހެން ބުޅާތަކާ އެކު އުޅޭ ބުޅަލާއި ގިނަ އަދަދެއްގެ ބުޅާތައް ގެންގުޅޭ "ކެޓް ކެފޭ" ތަކުގައި އުޅޭ ޖުމްލަ 48 ބުޅާ ބޭނުންކޮށްގެންނެވެ. މީގެ ތެރޭގައި ހިމެނެނީ މަދުވެގެން އެހެން ތިން ބުޅަލާ އެކު އެއް ގޭބިސީއެއްގައި ދިރިއުޅެމުންދާ ބުޅާތަކެވެ.
މި ދިރާސާ ހެދުމަށްޓަކައި ސައިންސްވެރިން ވަނީ ކޮމްޕިއުޓަރު މޮނީޓަރަކުން ބުޅަލަށް ދަންނަ އެހެން ބުޅަލެއްގެ މޫނު ދައްކައިފަ އެވެ. އަދި އެއަށްފަހު، އެ ބުޅަލުގެ ވެރިމީހާ ގޮވާ އަޑު އަޅުވައި، ދައްކާފައިވާ ފޮޓޯއާ ގުޅޭ އަސްލު ނަމާއި، އަދި އެ ފޮޓޯއާ ނުގުޅޭ މުޅިން އެހެން ނަމެއް ގޮވާ އަޑު އިއްވައިގެން ބުޅަލުގެ ހަރަކާތްތައް ވަނީ ދިރާސާކޮށްފަ އެވެ.
މި ތަހުލީލުތަކުން ދެއްކި ގޮތުގައި، ސްކްރީނުން ފެންނަ ބުޅަލުގެ ސިފައާއި އިވޭ އަޑުގައި ގޮވާ ނަން ދިމާނުވާ ހާލަތްތަކުގައި، ބުޅާތައް ވަރަށް ގިނަ ވަގުތު އެ ސްކްރީނަށް ބަލަހައްޓައިގެން ތިބެ އެވެ. ސައިންސްވެރިން ބުނީ މިއީ އެ ސޮރުމެން އުންމީދުކުރި އަޑާއި ފެންނަ މަންޒަރު ދިމާނުވުމުން ހައިރާންވެގެން ދައްކާ ހަރަކާތެއް ކަމަށާއި، މީގެ ސަބަބުން ކޮންމެ މޫނަކާ ގުޅޭ ނަމެއް ބުޅަލަށް ވަކިން އެނގޭކަން ސާބިތުވާ ކަމަށެވެ.
މީގެ އިތުރުން، އެކުގައި ދިރިއުޅޭ އިންސާނުންގެ ނަންތައް ވެސް ވަކިކޮށް ދެނެގަތުމުގެ ގާބިލުކަން ބުޅަލަށް ލިބިފައިވާކަން މި ދިރާސާއިން ވަނީ ފާހަގަވެފަ އެވެ. ދިރާސާ ކުރި ޓީމުން ބުނީ މިއީ އިންސާނުންގެ މެދުގައި ދެކެވޭ ވާހަކަތަކާއި އަޑުތައް އަޑުއަހައިގެން، އެއްވެސް ހާއްސަ ތަމްރީނަކާ ނުލައި ބުޅަލުގެ ވިސްނުމުން އަމިއްލައަށް ދަސްކުރާ މައުލޫމާތުތަކެއް ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;