ފަސް މީހުންގެ ޖާގައިގެ މި ބޯޓު ގެއްލިފައިވަނީ ގޮތްނޭނގޭ ގޮތްގޮތަށް މަތިންދާބޯޓުތަކާއި ކަނޑު އުޅަނދުފަހަރު ގެއްލުމުގެ ދިގު ތާރީހެއް އޮންނަ، އެޓްލާންޓިކް ކަނޑުގެ ބާމިއުޑާ ޓްރައިއެންގަލް ސަރަހައްދަށެވެ.
ގެއްލުނު ޕައިޕަރ ޕީއޭ-34 މަރުކާގެ މި ބޯޓު ދުއްވަން އިނީ އުމުރުން 80 އަހަރުގެ މާރިއޯ ލަމާރެވެ. މި ދަތުރުގައި އޭނާގެ އިތުރުން އޭނާގެ އަންހެނުން ލިލީ ލަމާރް (79 އ) އަދި އެ ދެމަފިރިންގެ ދެ ކާފަދަރިން ކަމަށްވާ ސޯފީ ސޯސާ (28 އ) އާއި ކްރިސްޓިއަން ސޯސާ (22 އ) ބައިވެރިވި ކަމަށް މައުލޫމާތު ލިބެއެވެ.
މި ބޯޓު ދަތުރުކުރަމުން ދިޔަ މަގުމަތީގައި ކުއްލިއަކަށް ރާޑަރުން ގެއްލި، މުއާސަލާތީ ހުރިހާ ގުޅުމެއް ކެނޑިގެން ދިޔުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ސަމާލުކަމެއް ދީފައެވެ. ބޯޓަށް ދިމާވި މައްސަލައެއް ނުވަތަ އެއްވެސް ކުއްލި އެހީއަކަށް އެދި މެސެޖެއް ފޮނުވާފައި ނުވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ހަބަރުތައް ބުނެއެވެ.
ބޯޓު ގެއްލުނު ސަރަހައްދަކީ މީގެ ކުރިން ވެސް އެތައް އުޅަނދެއް ވީނުވީއެއް ނޭނގި ގެއްލިފައިވާ ބާމިއުޑާ ޓްރައިއެންގަލްގެ ސަރަހައްދަށް ވުމުން، މިއީ އެ ސަރަހައްދުގެ ސަބަބުން ދިމާވި ހާދިސާއެއްތޯ ބެލުމުގެ ޝައުގުވެރިކަން މީޑިއާތަކުގައި ވަނީ ބޮޑުވެފައެވެ. ނަމަވެސް މޫސުމީ ގޮތުން ނުވަތަ ޓެކްނިކަލް މައްސަލައެއް ދިމާވީތޯ ބެލުމަށް ވެސް ތަހުގީގީ ޓީމުތަކުން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާއާ ގުޅިގެން، ކަމާބެހޭ ކޯސްޓްގާޑާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތައް ގުޅިގެން ކަނޑުމަގުންނާއި ވައިގެ މަގުން ބޯޓު ހޯދުމުގެ ވަރުގަދަ އޮޕަރޭޝަނެއް މިހާރު ވަނީ ފަށައިފައެވެ. ގެއްލުނު އާއިލާގެ ގާތް މީހުންނާއި ރައްޓެހިން އަންނަނީ އެމީހުން ސަލާމަތުން ފެންނާނެ ކަމުގެ އުންމީދުގައި ދުއާކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;