ads
ފައިހް އަދި ސިރުހާން
ނައުއްޓެގެ މަރުގެ މައްސަލަ: ފައިހް އާއި ސިރުޙާންގެ މައްޗަށް ޝަރުތުކުރަން ހައިކޯޓުން އިންކާރުކޮށްފި
މާފަންނު 'ކްރާސާ' ފިހާރައިގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މުޙައްމަދު އަޙްމަދުދީދީ (ނައުއްޓެ) މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވާކަމަށް ނިންމި އިބްރާހީމް ފައިޙް ނިޡާމް އާއި ސިރުޙާން ޢަލީގެ މައްޗަށް ވަކި ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްފައި ބެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ހައިކޯޓުން ނިންމައިފިއެވެ.
Advertisement

2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހިންގި މި ޖަރީމާއާ ގުޅިގެން ދައުލަތުން އުފުލި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. 

އިސްތިއުނާފީ މައްސަލަ ނިމެންދެން އެ ދެ މީހުން ބަންދުކޮށްދިނުމަށް ފުރަތަމަ އެދުނު ނަމަވެސް، ފަހުން ދައުލަތުން ވަނީ އެ ހުށަހެޅުން ބަދަލުކޮށްފައެވެ.

ދައުލަތުން ފަހުން އެދިފައިވަނީ، ބަންދުގެ ބަހުސް ދިގުލައިގެން ދިއުމުން މައްސަލައިގެ މައުލޫއީ ބަޔަށް ލަސްތަކެއް ވެދާނެތީ، އެ މީހުން ބަންދުކުރުމުގެ ބަދަލުގައި އަނިޔާލިބުނު ފަރާތުގެ އާއިލާއަށް މުއާމަލާތް ނުކުރުމާއި، އިތުރު ކުށެއް ނުކުރުމުގެ އިތުރުން ރާއްޖެއިން ބޭރަށް ފުރުން މަނާކުރުން ފަދަ ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްފައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށެވެ.

ނަމަވެސް، މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ނިންމެވީ ދައުލަތުން އެދޭ ފަދަ އަމުރެއް ނެރެދެވޭނެ ޤާނޫނީ ހާލަތެއް ނެތް ކަމަށެވެ. 

އަޣުލަބިއްޔަތު ރައުޔު ނެރުއްވި ފަނޑިޔާރު އިސްމާޢީލް ޝަފީޢު އަދި ފަނޑިޔާރު އިބްރާހީމް މާހިރު ފާހަގަކުރެއްވި ގޮތުގައި، ދައުލަތުން ފުރަތަމަ ހުށަހެޅި ބަންދުކުރުމުގެ ހުށަހެޅުން އަނބުރާ ގެންގޮސްފައިވާތީއާއި، ދަށު ކޯޓުން ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފައިވާ މީހަކު ޝަރުތުކުރުމަށްފަހު ބަންދުން ދޫކުރުމަށް އެދެވިދާނެ ޤާނޫނީ އަސާސެއް ދައުލަތަށް ބަޔާންކޮށްދެވިފައެއް ނުވެއެވެ.

މި މައްސަލައިގައި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ޚިޔާލު ތަފާތުވި ރައުޔުގައި ދައުލަތުން އެދިފައިވާ ގޮތަށް ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލުމުގެ އަމުރެއް ނެރެދިނުމަށް ފެންނަކަމަށް ބަޔާންކުރެއްވި ނަމަވެސް، ކޯޓުގެ ރަސްމީ ނިންމުމަކީ އަޣުލަބިއްޔަތު ރައުޔެވެ.

މި މައްސަލައިގައި ހިމެނޭ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމް އާއި ތ. ގާދިއްފުށި، ގުލޭނޫރަންމާގެ، ސިރުޙާން ޢަލީގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;